އެމްއެމްޕީއާރުސީ ހިޔާނާތު މައްސަލާގެ ބޮޑު ހަ ކަމެއް ބަލަމުންދާ ކަމަށް އޭސީސީން ބުނެފިއެވެ.
އެމައްސަލައާއި ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި، ހަ މައްސަލައެއް ބަލަމުންދާ ކަން ފާހަގަކޮށް އެ މައްސަލާގެ ތަފްސީލުތައް ވެސް ވަނީ ކިޔައިދީފައެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދޫކޮށްފައިވާ ބޭންކާސް ޗެކް ނުވަތަ ބެންކް އޯޑާ ޗެކުތަކުގައި ޕީއީއެއްގެ ގޮތުގައި އެމްއެމްޕީއާރްސީ ލިޔެފައިވީ ނަމަވެސް، އެ ޗެކްތައް އެންޑޯޒް ކުރުމަށް އެ ކުންފުނީގެ އެއިރުގެ އެމްޑީ ސޮއިކޮށް ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖުމްލަ 22.1 މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ތިންވަނަ ކަމަކަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން އެ ކުންފުންޏަށް 77.5 މިލިއަން ޑޮލަރު ވަންނަން ޖެހޭ އިރު އޭގެ ތެރެއިން އެ ކުންފުންޏަށް އެންމެ 12.5 މިލިއަން ޑޮލަރު ވަން މައްސަލައެވެ.
ހަތަރު ވަނަ ކަމަކަށް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބަލަމުންދާއިރު، އެ މައްސަލާގައި އިތުރަށް ފާހަގަ ކުރެވޭ ކަންތައްތަކެއް ހުރުމުން އެކަންކަން ފުލުހުންނަށް އަންގާފައިވާ ކަމަށް އޭސީސީން ބުނެއެވެ.
ފަސްވަނަ މައްސަލައަކަށް ބަލަނީ އެމްއެމްޕީއާރުސީން އަމިއްލަ ދެ ކުންފުންޏަކަށް 6.15 މިލިއަން ޑޮލަރުގެ ލޯނެއްދީ އޭގެ ތެރެއިން އެއްކުންފުންޏަށް ދީފައިވާ ލޯނު ދެއްކި ކަމަށް ހެދުމަށް އޮޅުވާލައިގެން ޑޮކިއުމަންޓްތަކެއް ތައްޔާރު ކުރި މައްސަލައެވެ. އަދި ޑޮލަރު ހޯދަން އެކުންފުންނަށް ފައިސާ ޖަމާކުރި މައްސަލަވެސް ހިމެނެއެވެ.