"ނަމާދުކުރަން ޖެހޭނީ ތަރުތީބުންނެވެ. ވީމާ ކުރީގެ ނަމާދެއް ނުކޮށް އޮއްވައި ފަހުގެ ނަމާދެއް ނުކުރެވޭނެއެވެ. ފުރަތަމަ ނުވަތަ ކުރިން ކުރަން ޖެހޭނީ ކުރީގެ ނަމާދެވެ. (ނުކުރެވި އޮތް ނަމާދެވެ.) ޤަޞްދުގައި އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ.
އެއީ ބޮޑުވެގެންވާ ފާފައެކެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއިމެދުގައެވެ. ނަމާދުތައް ފުރިހަމަވެގެން މެނުވީ އެހެން އެއްވެސް ކަމެއް ފުރިހަމައެއް ނުވާނެއެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މައްސަލަ މިހައި ސާފުކޮށް އެނގެން އޮތް އިރުވެސް ފަތިސް ނަމާދު ނުކުރާ ގިނަ ބައަކު ފަތިސް ނަމާދު ނުކޮށް ތިބެ މެންދުރު ނަމާދު ކުރެއެވެ.
އެއީ އެކަން ކުރެވެން އޮތްގޮތެއް ނޫންކަން މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ! ފަތިސް ނަމާދަށް ތެދުވެ ފަތިސް ނަމާދުކުރުމަކީ ކިތަންމެހައިވެސް މުހިންމުކަން ބޮޑު ކަމެކެވެ. އެހެންކަމާއިއެކުވެސް އެއްވެސް ސަބަބެއް މެދުވެރިވެގެން ފަތިސް ނަމާދު ނުކުރެވިއްޖެނަމަ ހޭލެވުނު އިރަކުން ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭނީ ފަތިސް ނަމާދެވެ. އެންމެ ކުޑަމިނުން މެންދުރު ނަމާދު ކުރުމުގެ ކުރިން ކޮންމެހެންވެސް ފަތިސް ނަމާދު ކުރަންޖެހޭނެއެވެ. ނޫނީ ތަރުތީބު ދާނީ އޮޅިގެންނެވެ. ބައެއް މީހުން މެންދުރު ނަމާދަށް ގޮވުމުން މިސްކިތަށް ގޮސް ސުންނަތް ކުރާ ވަގުތު ފަތިސް ނަމާދުކުރެއެވެ.
އެވަރުންވެސް އޮންނާނީ މެންދުރު ނަމާދުގެ ކުރިން ފަތިސް ކުރެވިފައެވެ. ނަމަވެސް އެއީ ޢާންމުކޮށް ކުރާ ކަމަކަށް ހަދަން ހެޔޮ ނުވާނެއެވެ. ގަދައަޅައި މަސައްކަތް ކުރަންވާނީ ފަތިސް ނަމާދުގެ ވަގުތުގައި ފަތިސް ނަމާދުކުރުމަށެވެ. ހަމަ އެއާއިއެކު ފަތިސް ނަމާދު ނުކޮށް ތިބެ ހުކުރު ނަމާދު ކުރުމަކީވެސް ތަރުތީބު އޮޅުވައިލުމެވެ. ފުރަތަމަ ކުރަން ޖެހޭނީ ފަތިސް ނަމާދެވެ.