ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތްތައް ފަށައިފި

ކިޔުމަށް ހޭދަވާނީ 2މ 17ސ
ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތްތައް ފަށައިފި

ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތްތައް ފަށައިފިއެވެ.

 މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތުން ނެއިބަރހުޑްތަކަށް ކަނޑައަޅާފައިވާ ސަޕޯރޓް އޮފިސަރުންވަނީ އެއޮފިސަރަކަށް ކަނޑައެޅިފައިވާ ނެއިބަރހުޑްތަކުގައި ހުރި ގޭބިސީތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތްތައް އިއްޔެ ފަށާފަވެއެވެ.  ނެއިބަރހުޑް ސަޕޯރޓް އޮފިސަރުން އިއްޔެ ކުރި ޒިޔާރަތްތަކުގައި ވަނީ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ މަސައްކަތްތަކާއި، ގުޅޭނެ ނަންބަރުތަކާއި މުހިންމު މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި ނެއިބަރހުޑް ސަޕޯރޓް އޮފިސަރުން ޒިޔާރަތްކުރި ތަންތަނުންވަނީ އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފަވެއެވެ.

 

ޑިސެމްބަރ 17ވަނަ ދުވަހު ތަޢާރަފްކުރި ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މާލެ ހިމެނޭ ސަރަޙައްދު އަށް ބަޔަކަށްވަނީ ބަހައިލާފައެވެ. އެގޮތުން މާލެ ހަތަރު ބަޔަކަށް، ހުޅުމާލެ ތިންބަޔަކަށް އަދި ވިލިމާލެއަށް ވަކިން ޚިދުމަތްދޭން ވަނީ ފަށާފައެވެ.މި ޚިދުމަތުގެ ދަށުން ނެއިބަރހުޑް ސަޕޯރޓު އޮފިސަރުން ގޭބިސީތަކާއި، އެއޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި އެސަރަޙައްދު ތަކުގެ އާންމު މަޢުލޫމާތު އޮޅުންފިލުވާނެއެވެ. އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތަކާއި  އެސަރަޙައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ޙައްލު ހޯދައިދިނުމަށް މަސައްކަތްވެސް ކުރާނެ ކަމަށެވެ.

 

މީގެއިތުރުން ކުށްމަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މަޢުލޫމާތު، އެސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އިންޓެލިޖެންސާއި އެސަރަޙައްދަކުން ލިބޭ މަޢުލޫމާތު ފުލުހުންނާއި ހިއްސާކޮށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.މާލެއާއި ވިލިމާލެ އަދި ހުޅުމާލެއަކީ އާންމު ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭ ތަނަކަށް ހެދުމާއި، ގޭބިސީތަކާއި ގޭބިސީތައް ހިމެނޭ ސަރަޙައްދުތަކަކީ ދިރިއުޅުމަށާއި  ހިނގާބިނގާވެ އުޅުމަށް ފަހި، ހިތްްގައިމު މާޙައުލަކަށް ހެދުމަށާއި އަދި އާންމު ރައްޔިތުންނަށް ދިމާވާ ކަންބޮޑުވުންތައް ފުލުހުންނާއި ފަސޭހައިން ހިއްސާކޮށް، އެކަންކަމުގެ ޙައްލު ހޯދައިދިނުމަށް ފެށިގެންދިޔަ މިޚިދުމަތް ކައިރި މުސްތަޤުބަލެއްގައި މުޅި ރާއްޖެއަށް ތަޢާރަފްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

މާލެ ހިމެނޭ ސަރަޙައްދު ބަހައިލާފައިވާ ގޮތަށް ބަލާއިރު، ވިލިމާލެ ފިޔަވައި މާލެއާއި ހުޅުމާލެ ވަނީ ނެއިބަރހުޑްތަކަކަށް ބަހައިލާފައެވެ. އެގޮތުން މާލެ ހަތަރު ނެއިބަރހުޑަކަށް ބަހައިލާފައިވާއިރު ހުޅުމާލެ ވަނީ ތިން ނެއިބަރހުޑަކަށް ބަހައިލާފައެވެ. މި ނެއިބަރހުޑްތަކަށް ނެއިބަރހުޑް ސަޕޯރޓް އޮފިސަރުން ކަނޑައަޅާފައިވާއިރު މިއިން ކޮންމެ އޮފިސަރަކާ ގުޅޭނެ ނަންބަރުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

 

މިއަދު އޮންލައިން