އާސަންދަ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ހުޅުމާލެ ހޮސްޕިޓަލް، އަނެއްކާވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު މިއަދު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް، އެމިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިފަދައިން އަނެއްކާވެސް ބަދަލުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ޚަދީޖާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހިންގުމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށެވެ.
އާސަންދަ ކުންފުނީގެ ދަށަށް ހުޅުމާލެ ހޮސްޕިޓަލް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގައެވެ. އާސަންދައިން ހަވާލުވެ އެ ހޮސްޕިޓަލަށް ގެނައި ބޮޑެތި ކުރިއެރުންތަކުގެ ތެރޭގައި ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލޮޖީ ސެންޓަރެއް ހުޅުވުމާއި އެމްއާރުއައި ހިދުމަތާއި ސީޓީ ސްކޭނާއި މެމޯގްރާމް ހެދޭނެ ވަސީލަތްތައް ގާއިމް ކުރުން ހިމެނެއެވެ.
އާސަންދަ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ހޮސްޕިޓަލް ހިންގަން ފެށި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭ އާސަންދަ ސްކީމުން 193 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ހޮސްޕިޓަލަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އާސަންދަ އިން ޚިދުމަތް ދިން ސިއްހީ މަރުކަޒުތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެފައި ވަނީ އެހެންވެ ކަމަށް މިދިޔަ މަހު އެއޮފީހު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.