ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން އެރަށުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޑިސެމްބަރ 19ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި ކުށެއް ހިންގަން އުޅުން ނުވަތަ ކުށެއް ހިނގާފާނެކަމަށް ފާހަގަވެއްޖެނަމަ ފުލުހުންނަށް ލަސްނުކޮށް އެކަން އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް ކުރަންވީ ކަންކަމާއި ގުޅޭގޮތުން އާއްމު ރައްޔުތުންގެ ޚިޔާލު ހޯދައިފައި ވެސްވެއެވެ
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ގއ.ގެމަނަފުށީގެ ވިޔަފާރިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުން ދީފައިވެއެވެ.