ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ސްޓާފް ޑިވަލޮޕްމަންޓް ޕްރޮގްރާމެއް ހިންގައިފިއެވެ.
ޑިސެމްބަރ 18ވަނަ ދުވަހު ފެށި މިޕްރޮގްރާމުގައި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، ލީޑަރޝިޕާއި ގުޅުންހުރި މަޢުލޫމާތާއި، މާއްދީ ހެކި ހޯދައި، ނަގައި، ރައްކާތެރިކޮށް، ބަންދުކޮށް ފޮނުވުމުގައި ޢަމަލު ކުރަންވީގޮތްތަކުގެ މަޢުލޫމާތުގެ އިތުރުން މެޖިސްޓްރޭޓް ކޯޓްތައް މެދުވެރިކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކޯޓު މަރުޙަލާގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި މައްސަލައެއް ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާއިރު ވިސްނަންޖެހޭ ކަންކަމުގެ މަޢުލޫމާތާއި ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ދިވެހިބަސް ބޭނުންކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
ދެދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއި ލ.ފޮނަދުއާއި ގަމުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ދިވެހިބަހުގެ މުދައްރިސެކެވެ.
ޕޮލިސް ޑިވިޜަންތަކުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ތަޙުޤީޤުކުރާ ފަރާތްތަކުން މައްސަލަތައް ތަޙުޤީޤު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން އޮޅުންފިލުވައިދިނުމާއި، ފުލުހުންގެ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ
ޙަބަރު ޕޮލިސް