އިލެކްޝަން ކޮމިޝަންގެ މެންބަރުން، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް (އެސީޕީ) މުހައްމަދު ހަމީދުއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުމުގައި، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުން ކުރިއަށް ގޮސްފައި ވަނި، މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ. މި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރެވިފައިވަނީ، މަޖިލިސް އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ގުޅޭގޮތުންނެވެ.
މީގެ އިތުރުން، މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.
މިއަދުގެ މިބައްދަލުވުމުގައި، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ހިމެނިވަޑައިގަންވާ ގޮތަށް، އީސީގެ ހުރިހައި މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ލިޔުނީ: ޒިދާން މުހައްމަދު