ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވަރަށް ދަތި ހާލަތަކުން ޤައުމު ސަލާމަތް ކުރައްވަން މަސައްކަތް ކޮށްދެއްވާފައި ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދަ ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ޖޭޕީގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ކޯލިޝަނުގެ ވެރިންގެ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ކަންކަން ހާމަކުރައްވައި ރިވެތި އުޞޫލުތަކަށް ޢަމަލުކުރައްވަމުން ކަމަށެވެ. އެހެންކަމުން ކަންކަން މަޖިލީހާއި ވެސް ހިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކޯލިޝަނުން ކުރިންވެސް މަސައްކަތް ކުރަމުން އައި އުޞޫލުން އަދިވެސް މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޖުމްހޫރީ އަދިވެސް ދެމިއޮތީ އެކަމުގެ ވިސްނުމުގައި ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމާއިމެދު މިއަދުވެސް ގޮތެއް ނުނިމުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. "އުންމީދު މިކުރަނީ ވަރަށް އަވަހަށް ގޮތްތަކެއް ހަމަ ޖެހޭނެ ކަމަށް."
ރިޔާޟް ރަޝީދަށް ތާއީދުކުރަން ޕީޕީއެމުން ނިންމި މައްސަލައިގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރިޔާޟް ރަޝީދު ޤައުމީ ޕާޓީން ކުރިމަތިލެއްވުމުން އެފަހަރު ރައީސް މައުމޫން ވެސް އޭނާއަށް ތާއީދުކުރެއްވި ކަމަށާއި އެބާވަތުގެ ކަންކަން އެއީ މީގެ ކުރިންވެސް ހިނގާފައިވާ ކަންކަން ކަމަށެވެ.
ރައީސް ޔާމީނުގެ ދިފާޢުގައި ޖޭޕީއާއި ދާދިފަހުން ގުޅުނު 3 މެންބަރުން މަގުމައްޗަށް ނުކުތް މައްސަލައިގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމަށާއި ޖޭޕީން މިހާރުވެސް ވަނީ އެ 3 މެނަބަރުންނާއި ވާހަކަ ދައްކާފައި ކަމަށެވެ. އަދި ޚުދު އެމަނިކުފާނުވެސް ވާނީ ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.