ސަރުކާރު ހިންގާ ކޯލިޝަނުގެ، އެންމެ އިސް ލީޑަރުން މިއަދު ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލު ކުރެއްވުމަކީ ވަރަށް ކާމިޔާބު ބައްދަލުކުރެއްވުމެއް ކަމަށާއި އެންމެ އުފާކުރައްވަނީ ރައީޞް އިބްރާހީމް މުޙައްމަދު ޞާލިޙް އާއިއެކު ތިއްބަވާނެ ކަމަށް ކޯލިޝަނުގެ 4 ލީޑަރުން ވެސް ވިދާޅުވާތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޯލިޝަނުގެ އެންމެ އިސް ލީޑަރުން މިއަދު ހަވީރު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޝައިޚް އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވީ ކޯލިޝަނުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވަން ކަމަށް އެމަނިކުފާނު މިއަދުވެސް ވިދާޅުވެފައިވާތީ އުފާފުޅު ކުރައްވާ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު އުންމީދެއްވެސް ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމްދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަންކަމަކީ ޤައުމަށް ކުރިމަތިވެފައިވާ އިޤްޠިޞާދީ އަދި އިޖުތިމާޢީ ބޮޑެތި ގޮންޖެހުންތަކަކުން އަރައިގަތުމަށް މަގުފަހިވި މަޝްވަރާތަކެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ކުރެވި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަކަށްވީތީ ވެސް އުފާފުޅު ކުރައްވާ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ވެސް ލިބިގެންދިއަ އުފަލެއް ކަމަށެވެ.
މަޖިލިސް އިންތިޚާބާއި ގުޅޭ ގޮތުން ޝައިޚް އިމްރާން ވިދާޅުވީ ބޭނުންފުޅުވަނީ ޕާޓީތައް ގުޅިގެން ކުރިއަށް ދެވޭނެ ކޮންމެވެސް މަގެއް ފެނުން ކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެފަދަ މަގެއް ދައްކަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.