ހަށިވިއްކި ކަމުގެ ތުހުމަތުގައި ޏ. ފުވައްމުލައް ސިޓީއިން ބަޔަކު ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކުން ހައްޔަރުކޮށްފައި ވަނީ ސެލޫން އެއްގައި މަސައްކަތް ކުރާ "ސިމޯލް" ނަމަކަށްކިޔާ ބަނގުލަދޭޝްގެ ރައްޔިތަކާއި ފުރާވަރު އުމުރުގެ ދިވެހި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާގެ އުމުރުން 17 އަހަރު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ކުށުގެ ވެށިން އެމީހުން ހައްޔަރު ކޮށްފައިވަނީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގެއެއްގެ ތެރޭގައި އެމީހުން ތިއްބާ ރޭގެ ވަގުތެއްގައެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އެގޭގެ ދޮރު ފަޅާލައިގެން އެތެރެއަށް ވަނުމަށްފަހު، ފުލުހުން ވަނީ އެދެމީހުން ވެސް އެރަށު ފުލުސް އޮފީހަށް ގެންގޮސްފައެވެ. އަދި އެތަނުން 10000 ރުފިޔާ ވެސް ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމީހުން ހައްޔަރު ކުރުމަށްފަހު، އެކަމާއި ގުޅުން ހުރި އިތުރު ދެ ދިވެއްސަކު ވެސް ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ ބަނގުލަދޭޝްގެ މީހާގެ ބަންދަށް ދިހަ ދުވަސް ޖަހާފައެވެ. ނަމަވެސް 18 އަހަރު ނުފުރޭ ކުއްޖަކަށް ވުމުން އަންހެން ކުއްޖާ ވަނީ ކޮމިއުނިޓީ ބަންދުގައެވެ.
މި މައްސަލަ ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގު ކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން ފުލުހުންގެ ސީދާ ބަހެއް އަދި ލިބިފައެއް ނުވެއެވެ.