ބްލޭޒަން އިންކުން އިންތިޒާމުކޮށްގެން މިރޭ ދިން މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް އަށް އަރުވައިފި އެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑް"ގެ ނަމުގައި މިރޭ ޕެރެޑައިޒް އައިލަންޑް ރިޒޯޓްގައި ބޭއްވި ގާލާ ނައިޓުގައި ޤާސިމް އިބްރާހީމްއަށް މި އެވޯޑް އަރުވާފައިވަނީ ވިލާކުންފުނީގެ އިތުރުން ރާއްޖޭގެ ވިޔަފާރި ކުރިއަރުވަން ޤައުމީ ފެންވަރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށެވެ.
ގާސިމް އިބްރާހީމްއަށް މިއެވޯޑް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އަދި ދައުލަތަށް ދިގުމުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އައްބާސް އިބްރާހީމް އެވެ.

ޤާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ ތަނަވަސްކަމުގެ ފައިދާ ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިވެރިންނާއި ހިއްޞާ ކުރައްވައިފައެވެ. އެގޮތުން އަމިއްލަފުޅު ފައިސާއިން ލޯނާއި ހިލޭ އެހީ ދެއްވުމުގެ އިތުރުން ވަރަށް ގިނަ ވިޔަފާރިވެރިން ބޭންކުތަކުން ލޯނު ނެގުމަށް އެމަނިކުފާނު ވަނީ ގަރަންޓީ ދެއްވައިފައެވެ. އަދި އެގޮތަށް ދެއްވި ވަރަށް ގިނަ ގަރަންޓީތަކަށް ނެގި ލޯނު އަނބުރާ ދެއްކުމުގައި މައްސަލަތައް ކުރިމަތިވުމުން ވަނީ އަމިއްލަފުޅަށް އެ ލޯނުތަކަށް ފައިސާވެސް ދައްކަވައި ދެއްވައިފައެވެ.
ރާއްޖެއަށް ތަފާތު ފަންނުތަކުގެ މީހުން ބިނާކުރެއްވުމަށް ޤާސިމް އިބްރާހީމް ދެއްވި އެތައް ހާސް ސްކޯލާޝިޕްތަކުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ދެއްވި ސްކޯލާޝިޕް ފުރުޞަތުތައްވެސް ހިމެނެއެވެ. އެމަނިކުފާނު ސްކޯލާޝިޕްތައް ދެއްވީ ކިޔަވައިގެން އައިސް އެ ދަރިވަރަކު ބޭނުންވާ ތަނެއްގައި ވަޒީފާ އަދާކޮށް ޤައުމަށް ޚިދުމަތް ކުރުމަށެވެ. ވިލާ ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކުގައި ކިޔެވި އެތައް ހާސް ދަރިވަރުން މިހާރުވެސް ގެންދަނީ ތަފާތު ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރަމުންނެވެ.
ޤާސިމް އިބްރާހީމް ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ރެކޯޑޭއް ޙާޞިލުކުރައްވައިފައެވެ. އެއީ އަމިއްލަ އެއާޕޯޓަކާއި އަމިއްލަ އެއާލައިނެއްގެ ޚިދުމަތް އެކުއެކުގައި ދޭން ފެށުމެވެ.
ޤާސިމް އިބްރާހީމް ވަނީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. "އާސަންދަ" ދިވެހި ސަރުކާރުން ވުޖޫދަށް ގެނައުމުގެ މާކުރިން އެމަނިކުފާނު ވަނީ ހުސްނުވާ އާސަންދަ އުފައްދަވައި އެތައް ހާސް ބައަކަށް ބޭސްފަރުވާވެސް ކޮށްދެއްވައިފައެވެ.
ރާއްޖޭގައި ޤާސިމް އިބްރާހީމްއަށްވުރެ މާބޮޑެތި މަހުޖަނުން ތިބި ނަމަވެސް ރައްޔިތުންނަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާފައިވަނީ ޤާސިމް އިބްރާހީމްއެވެ.
ޤާސިމް އިބްރާހީމް ވަނީ މާލީ ވަޒީރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަމާއި ސާކް ޗޭމްބަރ އޮފް ކޮމަރސްގެ ރައީސް ކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަންވެސް ކުރައްވައިފައެވެ. މިވަގުތު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ. ޖުމްހޫރީ ޕާޓީގެ ބާނީ އަދި ލީޑަރުވެސްމެއެވެ.
ޤާސިމް އިބްރާހީމް އެންމެ ފަހުންވެސް ވިދާޅުވީ ސިޔާސީ ދާއިރާގައި އަދިވެސް ޚިދުމަތް ކުރައްވަނީ އެމަނިކުފާނު ފެށްޓެވި އިޞްލާޙީ މަސައްކަތްތަކުގެ ފޮނިމީރުކަން އަދިވެސް ރައްޔިތުންނަށް ފުރިހަމައަށް ނުލިބޭތީ ކަމަށެވެ.