ޤައުމާއި ވިޔަފާރި ތަރައްޤީކުރުމަށްޓަކައި ކިޔަވައި ސިކުނޑި ތަރައްޤީކުރަން ޤާސިމް އިބްރާހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޤައުމާއި ވިޔަފާރި ތަރައްޤީކުރުމަށްޓަކައި ކިޔަވައި ސިކުނޑި ތަރައްޤީކުރަން ޤާސިމް އިބްރާހީމް ގޮވާލައްވައިފި

ދިވެހި ޤައުމާއި ވިޔަފާރި ތަރައްޤީކުރުމަށްޓަކައި ކިޔަވައި، ތަޖުރިބާ ހޯދައި ސިކުނޑި ތަރައްޤީކުރަން ވިލާ ގްރޫޕުގެ ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ޤާސިމް އިބްރާހީމް މިމޭރުމުން ގޮވާލެއްވީ ބިޒްނަސް އެވޯޑްސް ދިނުމަށް ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވިޔަފާރީގެ ދާއިރާއިން "ޙަޔާތީ އަރުތައިގެ އިނާމު" އެރުވުމުން ދެއްކެވި ވާހަކަފުޅުގައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ތަރައްޤީކޮށް މިހިސާބަށް އާދެވިފައި މިވަނީ ޢިލްމާއި ތަޖުރިބާ ނެތި އެކަންކަން އަމިއްލައަށް ހޯދައިގެން ވަރަށް ދަތި ހާލުގައި ގިނަ ބައަކު ކުރި މަސައްކަތުން ކަމަށެވެ. ނަމަވެސް ކުރިއަރައި ބަވަނަވެފައިވާ މިހާރުގެ ދުނިޔޭގައި ކުރިއަށް ދެވޭނީ ކިޔަވައި، އަމަލީ ތަޖުރިބާ ހޯދައި ދުނިޔޭގެ ފެންވަރުގައި ސިކުނޑިތައް ހުޅުވައިގެން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މިއަދު ތިބި ރާއްޖޭގެ އުމުރުން ދުވަސްވީ ވިޔަފާރިވެރިން މިހާރު ތިބީ އުމުރުގެ ގޮތުން ގެއަށް ވަންނަން ޖެހިފައި ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ފަށައިގަތްއިރު ދިވެއްސެއްގެ އެވްރެޖް އުމުރު އުޅެނީ 40 އަހަރާއި 45 އަހަރާއި ދެމެދުގަ. ނަމަވެސް މިއަދު އެވްރެޖް އުމުރު މިވަނީ 60 އަހަރާއި 65 އަހަރާއި ދެމެދަށް ބަދަލުވެފައި. މަތިވެފަ. މިގެނެވުނު ކުރިއެރުން ދިރުވައި ދަމަހައްޓަން ތިބީ މިއަދުގެ ޒުވާނުން.

އަޅުގަނޑުމެން މިއަދު މިދަނީ ޒަމާނީ ކުރިއެރުމާއި ވަސީލަތްތަކުގެ އެހީގައި ޤައުމުގެ ކަންކަން މާބާރަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކޮށްދީފައި." ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެ މިހިސާބަށް ކުރިއަރައި ގޮސްފައިވާއިރު ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ކަރާމާތް މިވަނީ ދިފާޢުކޮށް ނެގެހެއްޓިފައި ކަމަށާއި މިއިން އެއްވެސް ކަމަކަށް ކިރިޔާވެސް ލޮޅުމެއް އަރާނެ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރުމަށާއި އަދި ކުރިއަވެސް ނުދިނުމަށް މިއަދުގެ ޒުވާނުންނަށާއި އެންމެހައި ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ. "އެ ޙައްޤު އެއްވެސް މީހަކަށް ނެތް. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަކޮށްދިން މި ޒިންމާ އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ވާރުތަކޮށްދޭންޖެހޭނީ އެއަށްވުރެ ފުރިހަމަކޮށް

." ޤާސިމް އިބްރާހީމް ވިދާޅުވީ ޓެކްނޮލޮޖީ އާއި ތަފާތު ދާއިރާތަކުން މިހައި ކުރިއަރާފައިވާއިރު މާދަތިހާލުގައި ހޯދި މިބޮޑު ކުރިއެރުން ދަމަހައްޓަން މިއަދު ފަސޭހަވާނެޖެހޭނެ ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކަށް ޤައުމުކޮށްދެނީ ކޮންކްމެއްކަން ނުބަލައި ޤައުމަށްޓަކައި އެމީހަކަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދިނުމަށް ކެރިގެން ކުރިމަތިލައި ނުކުތުމަށް ގޮވާލައްވާ ކަމަށެވެ.

ޤާސިމް އިބްރާހީމްގެ ވާހަކަފުޅުން: ޓްރޭޑަރސް އެސޯސިއޭޝަނެއްގެ ނަމުގައި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއެއް އުފެއްދީ 1979 ވަނައަހަރު. ކުޑަ މެދުކެނޑުމަކަށްފަހު އަލުން ހިނގައިގަތީ 1984 ވަނަ އަހަރު. ފަހުން ޗޭމްބަރ އޮފް ކޮމަރސް އަކަށް ބަދަލުވީ އައިގެ ތެރެއިން ޓޫރިޒަމް އެސޯސިއޭޝަން ވެސް އުފެދުނީ. 18 ވަރަކަށް އަހަރު ޓްރޭޑަރސް އެސޯސިއޭޝަނާއި ޗޭމްބަރ އޮފް ކޮމަރސްގެ ރައީސްކަން ކުރިން. 2، 3 ފަހަރެއްގެ މެދުކެނޑުމަކާއިއެކު.

އެ ފަހަރުތަކުގައިވެސް ދުރައްޖެހިލީ އަޅުގަނޑު އަމިއްލައަށް. 2000 އަދި 2001 ވަނަ އަހަރު ސާކް ޗޭމްބަރ އޮފް ކޮމަރސްގެ ރައީސްކަން ކޮށްފަ އަޅުގަނޑު ދުރަށް ޖެހުނީ. އެއިރު އޮންނަނީ ޖެހިޖެހިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު އެކަކަށް ރައީސް ކަމުގައި ނުހުރެވޭނެ ގޮތަށް ޤަވާއިދު އިޞްލާޙްކޮށްފަ.

އެއިރު ރައީސް މައުމޫނަށް ދަންނަވައިގެން އޮންނާނީ ދެ ގޯތިވެސް ހޯދާފަ. (އެއް ގޯއްޗަކީ މިހާރުވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގާ ގޯތި.

ދެވަނަ ގޯއްޗަކީ ޖަމާލުއްދީން ސްކޫލް ކަންމަތީގަ ލޯކަލް މާރުކޭޓް ހިންގާ ގޯތި.) އެތަނުން އެއް ބިމުގަ އަދިވެސް އެހެރީ އަޅުގަނޑު ހަދައިދިން ޢިމާރާތް. އަނެއް ގޯތި އަދިވެސް އޮތްގޮތަށް އޮތީ. އަޅުގަނޑު ދުރަށް ޖެހުނުއިރު ރިޒަރވްގަ ފައިސާ ވެސް ހުންނާނެ." ބިޒްނަސް އެވޯޑް ދިނުން ފަދަ ކަންކަމުގައި ނޭޝަނަލް ޗޭމްބަރ އޮފް ކޮމަރސްގެ ދައުރު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން