އޫރުން ތައްޔާރުކޮށްފައިވާ ބާވަތެއް ރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދާތީ އެމައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ގެލަޓިން ޕޯކައިން ނުވަތަ އޫރު، ބޭނުންކޮށްގެން ހަދާފައިވާ އުފެއްދުމެއްގެ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދަނީ ގެލިޓާ ބްރޭންޑްގެ ގެލަޓިން ޕައުޑަ އެވެ.
ޖަރުމަނުވިލާތުގެ މި އުފެއްދުމަކީ އާންމު ގޮތެއްގައި އައިސް ކްރީމް، ޕުޑިން ފަދަ ފޮނި ކާއެއްޗެހި ތައްޔާރު ކުރުމަށް ބޭނުންކުރާ ޕައުޑަރ އެކެވެ.
ހަލާލް އެއްޗެއްކަން ދޭހަވާ ފަދަ އެއްވެސް އިބާރާތެއް މި އުފެއްދުމުގައި ބޭނުންކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން ކަސްޓަމްސް އިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ކަސްޓަމްސް ގުޅިގެން މި މައްސަލައަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށާއި މިއުފެއްދުން ރާއްޖެއަށް އެތެރެ ކޮށްފައިވާ ވިޔަފާރިތައް މިހާރު އިންސްޕެކްޓް ކުރަމުން ގެންދާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށްވެސް ކަސްޓަމްސް އިން އެދިފައިވެއެވެ.