ހުޅުމާލޭ ބީޗުގައި ކެފޭތައް ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވީ ހުޅުމާލެ ބީޗް ގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލި އިރު އެތަންތަން ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތިކަން އެނގިފައިވާ ކަމަށެވެ. އެހެންވެ، އަންނަ ޖެނުއަރީ 31 ގެ ކުރިން ބީޗު ހުސްކޮށް، އާންމުންނަށް އެ ތަން ފުރިހަމަޔަށް ބޭނުންކުރެވޭނެ ގޮތް ހަދަން އެމަނިކުފާނު ވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދިފައެވެ.
ހުޅުމާލޭން ވާހަކަ ދެއްކި މީހަކު ބުނީ، ބީޗް ސަރަހައްދުގައި ކެފޭތައް ހުރުމުން ތަނުގެ ސާފުތާހިރުކަން އޮންނަންޖޭހޭ ވަރަށް ނޯންނަ ކަމަށެވެ. އަދި މޫދަށް އެރި އުޅޭ މީހުންނަށް ވެސް، ކެފޭތަކުގެ ކަސްޓަމަރުންގެ ފަރާތުން ނޭދެވޭ ކަންކަން ފެންނަކަމަށެވެ.
"މޫދަށް އެރޭ މީހުންގެ މަސް ކެއުން ނޫން ކަމެއް އެތާ ތިބޭ މީހުން ނުކުރޭ" އޭނާ ބުންޏެވެ.
އެހެން މީހަކު ބުނީ، ތަނުގެ ސާފުތާހިރުކަން ގެއްލުމުގެ ކުރިން، ކެފޭތައް އެތަނުން ނަގަންޖެހޭ ކަމަށެވެ. ބީޗަށް އެތަންތަނުން ކުނިބުނި އަޅާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއެވެ.
ފޯނަށް ޖަވާބު ނުދޭތީ، މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ލިޔުނީ: ޒިދާން މުހައްމަދު