ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.
ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ދަށުން، ރައީސް ޔަމީންގެ ފްރީޒްކުރި އެކައުންޓުތަކުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކައުންޓުތައް ފްރީޒް ކުރުމަށްފަހުން ކުރީގެ ރައީސް ޔާމީނާއި ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ވެސް ވަނީ ހާޒިރު ކޮށްފައެވެ.
ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ، ސެޕްޓެމްބަރ މަހުގެ 23 ވަަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލިބުނު ފައިސާ، އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅުން ހުރި އެއް މިލިއަން ޑޮލަރު ވެސް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާތީއެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަކީލު އާޒިމާ ޝުކުރު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައު ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް ވެސް ހުރި ކަމަށެވެ.
އެހެންކަމުން އެމައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި ރައީސް ޔާމީންގެ ފަރާތުން އެމައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ހެކިތަކަށް ބަލާއިރު އެމައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.