"މީހަކާއި ކައިވެނިކޮށްގެން ހުރެ އެހެން ފިރިހެނުން ގާތު ކައިވެނިކުރާ ވާހަކަ ދައްކައި އަދި ފިރިމީހާއަށް ވަގަށް ހިލޭ ފިރިހެނުންނާއި ބައްދަލުކޮށް ހަދާ އަންހެންކަށް އޮތީ ކޮން ޙުކުމެއްތޯ؟" މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ އެއީ ވަރަށް، ވަރަށް، ވަރަށް ބޮޑު ފާފައެއް ކަމަށެވެ. އެފަދަ ކަމެއް ކުރާކަން އެނގޭ މީހުން އެކަން ހުއްޓުވަންވެސް ޖެހޭނެ ކަމަށެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވާއިރު މިފަދަ ކަންކަމަކީ މިހާރު ހަމަ މި ދިވެހި މުޖުތަމައުގައިވެސް ޢާންމުވެފައިވާ ކަންކަމެވެ. އެފަދަ ކަންކަން ކުރުމަކީ ފާފައެއް ކަމަށް ޤަބޫލުކުރާ މީހުންނަށްވުރެ އެތައް ގުނައެއް ގިނައީ އެކަންކަން ކުރުމަކީ އެއްވެސް ވަރެއްގެ ފާފައެއް ކަމަށް ޤަބޫލުނުކުރާ މީހުންނެވެ.
މީހެއްގެ ކިބައިން މިފަދަ ކަންކަން ހިނގާކަން އެނގޭނަމަ، އެކަމެއް ހުއްޓުވަން މަސައްކަތް ކުރުމަކީ ވެސް ވާޖިބެއްކަން ޑރ. އިޔާޟްގެ މިބަސްފުޅުން އެނގިގެންދެއެވެ. ވީމާ މީހަކަށް ކުށެއް ކުރެވޭކަން އެނގޭނަމަ އެކަމަށް ހިތްވަރުދީ އެހީތެރިވުމަކީވެސް އެހައިމެ ބޮޑު ފާފައެއްކަންވެސް އެނގިގެންދެއެވެ.