ޑްރަގް އެންފޯސް ޑިޕާޓްމެންޓުގެ ކުރީގެ ހެޑް މުޙައްމަދު ޖިނާޙް، ފުލުހުންގެ ވަޒީފާއިން ވަކިކުރިއިރު އޭނާހުރި މަގާމާއި އެއްވަރުގެ މުސާރައާއި އިނާޔަތްތަކަށްވާ 2.8 މިލިއަން ރުފިޔާއާއެކު ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ޖިނާ ހައްޔަރު ކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަސްކަމުގައިވާ 7 ފެބްރުއަރީ 2012 ގައެވެ. އެއަށްފަހު އޭނާ މިނިވަން ކުރުމަށްފަހު، ފުލުހުންގެ މަސައްކަތުން ދުރުކޮށްފައި ބަހައްޓާ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 10 ޖެނުއަރީ 2013 ގައެވެ.
ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ކަމަށްބުނެ ޖިނާގެ ފަރާތުން އެމައްސަަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާތްތައް ފުރިހަމަ ނުކޮށް ކަމަށް ދައުލަތުންވެސް ވަނީ އެދައުވާއާއި ގުޅިގެން އެއްބަސްވެފައެވެ.
އެހެންކަމުން ޖިނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް މުސާރައާއި އިނާޔަތްތަކާއެކު 2.8 މިލިއަން ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ދިނުމަށާއި އޭނާ އެއިރު ހުރި ވަޒީފާއާއި އެއްވަރުގެ ވަޒީފާއެއް ދިނުމަށް ވެސް ސިވިލް ކޯޓުން އަމުރު ކޮށްފައިވެއެވެ.