ޑެންގޫ ހުމާއި ބޭރަށް ހިންގުން ޖެހޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުން ކަމަށާއި ސަމާލުވެ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެއޭޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާއިތުވީ ދެ ހަފްތާ ތެރޭގައި ބޭރަށް ހިންގުމުގެ 3261 ކޭސް ރިޕޯޓު ކުރެވިފައިވާ ކަމަށާއި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މޭލެ، ހުޅުމާލެ ގެ އިތުރުން ހދ، ބ އަދި ލ. އަތޮޅުން ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މިދުވަސްކޮޅާއި އަޅާބަލާއިރު ފަސް އިންސައްތަ އިތުރު އަދަދެކެވެ.
މީގެއިތުރުން ފާއިތުވީ ދެ ހަފްތާ ތެރޭގައި ޑެންގޫ ހުމުގެ 230 ކޭސް ރިޕޯޓު ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ. ޑެންގޫ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ، ހުޅުމާލެ، ހއ، ރ، އަދި ބ. އަތޮޅުންނެވެ.
މީގެއިތުރުން ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށާއި އެއެޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވީ ދެ ހަފްތާ ތެރޭގައި ވައިރަލް ހުން ޖެހިގެން 3418 މީހުން އަދި އަރިދަފުސް ރޯގާ ޖެހިގެން 4367 މީހުން ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިދުވަސްވަރަކީ ސްކޫލް ކުދިންގެ ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު ދަތުރުފަތުރު ކުރުން އިތުރުވާނެ ދުވަސްވަރަކަށް ވާނެތީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތަށް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.