ސިޔާސީ އައު ޕާޓީއެއް އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ހުއްދަ ނުދިނުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ޕީޕަލް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ރައީސް ޔާމީނުގެ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިއްޔެ އިލެކްޝަންސް ކިމިޝަނަށް ހުށަހެޅީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އީސީގެ މެމްބަރު އަދި ޗީފް ސްޕޯކްސްޕަރސަން އަހުމަދު އަކުރަމް ވިދާޅުވީ އައު ޕާޓީ ހަދަން ހުއްދަ ނުދޭން ނިންމީ، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމަށްވުމުން ކަމަށެވެ.
ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ކުރީގެ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ އަށް ކިޔާނެ ނަމަކާ ގުޅޭގޮތުން ޕީޕީއެމް ކައުންސިލްގައި މަޝްވަރާކޮށް، ލިސްޓް ކުރި ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެކެވެ.
ޕީއެންސީގެ އިތުރުން އާ ޕާޓީ އަށް ކިޔުމަށް ޕީޕީއެމް ކައުންސިލުން ލިސްޓް ކުރި ނަންތަކަކީ، ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީޕީ) އާއި ޕީޕަލްސް އެލައަންސް ޕާޓީ (ޕީއޭޕީ) އަދި ނެޝަނަލް ފްރަންޓް (އެންއެފް) އެވެ.