އަންނަ އަހަރު ބެއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ފޯކަލްޕޮއިންޓުން ހޯދަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިންއިއުލާންކޮށްފިއެވެ.
އިއްޔެ އީސީން ކުރި އިއުލާންގައިވަނީ މަޖިލިސް އިންތިހާބަށް 199 ފޯކަލްޕޮއިންޓުން ބޭނުންވާ ކަމަށް ބުނެފައެވެ. އެއީ ރަށު ފޯކަލްޕޮއިންޓުންގެގޮތުގައި 179 މީހަކާއި އަތޮޅު ފޯކަލްޕޮއިންޓުންގެ ގޮތުގައި 18 މީހެއްގެ އިތުރުން އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަށް ދެފޯކަލްޕޮއިންޓުންނެވެ. މިމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 1 ޖެނުއަރީ 2019 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވެއެވެ.
މި މަގާމުތަކަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ހަރަކާތްތެރި ނުވުމާއި ކެންޑިޑޭޓެއްގެ އާއިލީ މެމްބަރަކަށް ނުވުމާއި އިންތިޚާބީ އޭޖެންޓަކަށް ނުވުން ހިމެނޭ ކަމަށް އީސީގެ އިއުލާންގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، ފޯކަލްޕޮއިންޓަކަށް އައްޔަންކުރާނީ އަތޮޅުކައުންސިލް ނުވަތަ ރަށުކައުންސިލް ނުވަތަ ސިޓީކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ މީހުންކަން ފާހަގަކޮށްލަމެވެ.
ފޯކަލްޕޮއިންޓުންގެ އުޖޫރައެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އަދިކަނޑައެޅިފައިވާ އުސޫލުން ފޯންއެލަވަންސްގެގޮތުގައި މަހަކު 150ރ. ދޭނެކަމަށް އީސީން ބުނެއެވެ.
މި މަގާމަށް އެދޭ ފޯމް އަދި އިތުރު މައުލޫމަތު އީސީގެ ބެބްސައިޓުން ލިބެން ހުންނާނެއެވެ.