"ޕީޕަލްސް އެކްޝަން ޕާޓީ" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.
އީސީން ކުރި ޓްރީޓެއްގައި ބުނެފައިވަނީ "ޕީޕަލްސް އެކްޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މިއަދު ހުއްދަ ދީފައިވާ ކަމަށެވެ.
ޕީޕަލްސް އެކްޝަން ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ޝުއައިބު އަލީ ރަޝީދު ކިޔާ ބޭފުޅަކަށެވެ. އަދި މިޕާޓީއަކީ "ނަން އެކަށީގެން ނުވާ" ކަމަށް ބުނެ މީގެ ކުރިން އެޕާޓީ އުފައްދަން އީސީން ހުއްދަ ނުދިން ސިޔާސީ ޕާޓީވެސް މެއެވެ. މީގެ ކުރިން އެޕާޓީއަށް ކިޔާފައިވަނީ "މޯލްޑިވިއަން އެކްޝަން ޕާޓީ" އެވެ.
މިޕާޓީ އުފައްދަން އީސީން ހުއްދަ ދީފައިވީ ނަމަވެސް، ކުރީގެ ރައީސް ޔާމީން އުފައްދަވަން އުޅުއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފައްދަވަން އެކޮމިޝަނުން މިއަދު ހުއްދަ ދީފައެއް ނުވެއެވެ. ޕީއެންސީ އުފައްދަވަން ހުށަހެޅީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަޙީމް އަބްދުﷲ ކަމަށްވުމުން، އީސީން ބުނެފައިވަނީ އެހެން ޕާޓީއެއްގެ މެމްބަރަކަށް އައު ޕާޓީއެއް އުފައްދަވަން ހުށަނޭޅޭނެ ކަމަށެވެ. އެހެންކަމުން އަބްދުއްރަޙީމް ވަނީ މިއަދުގެ ވަގުތެއްގައި ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައެވެ.