މީގެ 14 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިން ދުނިޔެއަށް ދެއްކި ނަމޫނާ އެއްބައިވަންތަކަމުގައި އަބަދުވެސް ސާބިތުވެ ދެމިތިބުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖެއަށް އެދުވަހު ކުރިމަތިވި ހިތްދަތި ހާލަތުގައި ރާއްޖޭގެ ރައްޔިތުން ދައްކަދިން އެއްބައިވަންތަކަން ފާހަގަކުރުމަށް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން "މިއަދުނޫހަށް" ޤާސިމް އިބްރާހީމް ވިދާޅުވީ އެދުވަހު ދިވެހިން މުޅި ދުނިޔެއަށް ވެސް ވަނީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކާފައި ކަމަށެވެ.
އަދި އެކަމުގެ ވާހަކަތައް ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް މިއަދުވެސް އަންނަނީ ދައްކަމުން ކަމަށެވެ. އެހެންކަމުން އެއީ ދިވެހިން ދުނިޔޭގެ ތާރީޚުގައި ރަން އަކުރުން ލިޔެފައިވާ ޞަފްހާތަކެއް ކަމަށެވެ. "އެއީ ކިތަންމެހައިވެސް ހިތާމަވެރި ދުވަހެއް. އަރައިގެން އައި އިރާއިއެކު ކުރިމަތިވި ސުނާމީގެ ބިޔަ ރާޅުތަކުގައި ޖެހި 80 އަށްވުރެ ގިން މީހުން ވަނީ މަރުވެފަ. 40 މީހަކު ވަނީ ގެއްލިފަ.
އެތައް ރަށަކަށް ބޮޑެތި ގެއްލުންތައް ލިބުނު. ކަނދޮޅުދޫ ޢާއި ވިލުފުށި އަލުން އާބާދުކުރަންޖެހުނު. ވިލުފުށީގައި މީހުން މިއަދު އެދިރިއުޅެނީ އަލުން މުޅިރަށް އާބާދުކޮށްގެން.
ކަނދޮޅުދޫ މީހުން އެވަނީ ދުވާފަރުގަ އާބާދުކޮށްފަ." ޤާސިމް އިބްރާހީމް ވިދާޅުވީ ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެހެން ރަށްރަށުގެ މީހުން ދިއައީ ހަމައެކަނި މީހުން ނޫން ކަމަށާއި ޙާލުގައި ޖެހުނު މީހުންނަށް ކާން ދިނުމަށްޓަކައި ރަށުގައި އަމިއްލަ ޢާއިލާއަށް ކާން ދިނުމަށް ފޮރުވާފައި ހުރި ކާޑުކޮޅުވެސް ހިފައިގެން ކަމަށެވެ.
ހަމަ އެފަދައިން އެހީގެ ތަކެތި ރަށްރަށަށް ފޮނުވަމުން ގެންދިއައީ ރައްޓެހި ރަޙްމަތްތެރިންނަށް ބަލައިގެން ނޫން ކަމަށެވެ. "ރައްޔިތުން މިމަސައްކަތް ކުރީ އެންމެ ދުވަހަކު ނޫން. ހާލުގައި ޖެހުނު މީހުންނަށް ހަމަޖެހިލައިގެން "ނޭވާއެއް" ލެވޭވަރުވަންދެން އެ މަސައްކަތުގައި ދެމިތިބީ. އަދި ކޮބައިތޯ އެމީހުން ދިރިއުޅުމަށް ކުރަމުންދާ މަސްވެރިކަން ވެސް ހުއްޓާލާފައި.
ލިބެން އޮތް އާމްދަނީ ހޯދަންވެސް މަސައްކަތް ނުކޮށްތިބެ ހާލުގައި ޖެހުނު މީހުންނަށްޓަކައި ޤްރްބާންވަމުން ދިއައީ." ޤާސިމް އިބްރާހީމް ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް އެހެން ރަށްރަށުން މަރުހަބާކިޔައި އެމީހުންގެ އަމިއްލަ ގެދޮރުން ބޯހިޔާވަހިކަން ފޯރުކޮށްދީ ކެއުން ބުއިމުގެ ކަންކަން ހަމަޖައްސައިދިން ކަމަށާއި އެކަންކަމުގެ ހަނދާންތައް މިއަދުވެސް އައުކުރަން ޖެހޭނެ ކަމަށެވެ.
އަދި އެކަންކަމުން ޢިބްރަތް ޙާޞިލުކޮށް ހަމަ އެގޮތުގައި ނުވަތަ އެއަށްވުރެ ފުރިހަމައަށް އެއްބައިވަންތަކަން ދަމަހައްޓަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. "ހަމައެކަނި އެދުވަހަކު ނޫން. ރާއްޖޭގެ މުޅި ތާރީޚަށް ބެލި ނަމަވެސް ދިވެހި ރައްޔިތުންނަކީ އެހީތެރިވުމުގައި ނަމޫނާ ބައެއް.
ދިރިއުޅުމުގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކާއިއެކު މިއަދު ކުންފުނިތަކާއި ގްރޫޕުތައް ހަދައިގެން ގެދޮރު އެޅުމުގެ މަސައްކަތް ކުރި ނަމަވެސް މާޒީގައި މީސް މީހުންނަށް ގެދޮރުއަޅައިދީ ވަށާފާރު ރާނައިދީ ހެދީ ވެސް އެކަކު އަނެކަކަށް ހަމަ ހިލޭ ސާބަހަށް. ވީމާ އެކަމުގައި ވެސް ދިވެހިން މިވަނީ ނަމޫނާ ދައްކައިދީފަ." ޤާސިމް އިބްރާހީމް ވިދާޅުވީ މުޖުތަމައުގެ ކުރިއެރުން ގުޅިފައިވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ކަމަށެވެ.
އިސްލާމް ދީނުގައިވެސް އެއްބައިވަންތަކަމަށް އެހައި ބޮޑަށް ބާރުއަޅުއްވަވާފައި އެވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުން ކަމަށެވެ. ބައަކު ގުޅިގެން އެކުވެރިކަމާއިއެކު ކުރާ ކަންކަމުގައި ﷲ ތަޢާލާގެ ބައިވެރިވެވޮޑިގަތުމާއި ހެޔޮ ރަޙްމަތްފުޅު ލިބެމުންދާނެކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ. "އަޅުގަނޑުމެންނަކީ އެއް ނަސްލެއްގެ ބައެއް، އެއްދީނެއްގެ ބައެއް، އެއްބަހަކުން ވާހަކަދައްކާ ބައެއް.
ވީމާ ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެންނަކީ އަޚުން." "މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ އެކަންކަން ހަނދާނަށް ގެނެސް ޢިބްރަތް ޙާޞިލުކުރުން. ޢިބްރަތް ޙާޞިލުކުރުމަކީ އެކަންކަން އެ ގޮތުގައި ދެމެހެއްޓުން. ވީމާ އަޅުގަނޑުގެ އިލްތިމާސަކީ އަދި އާދޭހަކީވެސް ދިވެހިންނަކީ އަބަދުވެސް ބަދަހި ގުޅުމަކުން ގުޅިގެން ތިބި އެއްބައިވަންތަ އަދި އެއްބައެއްގެ ގޮތުގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ބައަކަށް ވުން. އެއިރުން އިން ޝާ ﷲ! ﷲ ގެ ރަޙްމަތްފުޅު އަބަދުވެސް ދާނީ އޮހެމުން!" ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ސުނާމީގައި ވިލާ ގްރޫޕުގެ 1 ރިޒޯޓް ހަލާކުވުމުން ލިބުނު ބޮޑު ގެއްލުމާއިއެކު ވެސް ސުނާމީ ކާރިސާ އާއި ގުޅިގެން ޤާސިމް އިބްރާހީމް ވަނީ ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިވުމަށް ވިލާ ކުންފުނީގެ ބޮޑެތި ބޯޓުފަހަރުން ފެށިގެން އާދައިގެ ލޯންޗްތަކާއިއެކު ހިލޭ ސާބަހަށް ދެއްވައިފައެވެ.
އަދި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދެއްވުމަށް މާލީ ގޮތުންވެސް އެމަނިކުފާނު ވަނީ ބޮޑެތި ހޭދަތަކެއް ކުރައްވައިފައެވެ. އެދުވަހުވެސް ޤާސިމް އިބްރާހީމް ވަނީ ދީލަތި ކަމުގެ ނަމޫނާ ދައްކަވައި ދެއްވައިފައެވެ. ހަލާކުވެގެންދިއަ ރިޒޯޓް ތަރައްޤީ ކުރައްވާނެ ފައިސާއަށް ނުބައްލަވައި އިސްކަން ދެއްވީ ރައްޔިތުންނަށް އެހީތެރިވެދެއްވުމަށެވެ.