ގައިން ގައަށް ނާރާ ބަލިތަކުން ސަލާމްތްވުމަށް ނައިބް ރައީސަށް ދަންނަވާ އާދޭސް! ރައްޔިތުންނަށް ކެންސަރު ޖައްސާ ބޯޑުތައް ނަންގަވައި ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ގައިން ގައަށް ނާރާ ބަލިތަކުން ސަލާމްތްވުމަށް ނައިބް ރައީސަށް ދަންނަވާ އާދޭސް! ރައްޔިތުންނަށް ކެންސަރު ޖައްސާ ބޯޑުތައް ނަންގަވައި ދެއްވާ!

ގައިން ގައަށް ނާރާ ބަލިތައް ފެތުރުން ރާއްޖޭގައި އިތުރުވަމުން ދިއުމާއިމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުވުމަށް ސަރުކާރުން އިއްޔެ އިފްތިތާޙް ކުރި ކަންކަން އިފްތިތާޙްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވަނީ ނަމޫނާ ދެއްކެވުމުގެ އިތުރުން ވަރަށް މުހިންމު އިލްތިމާސްތަކެއްވެސް ރައްޔިތުންނަށް ކުރައްވައިފައެވެ.

ނަމޫނާ ދެއްކެވުމުގެ ގޮތުން އެމަނިކުފާނު ވަނީ އެނަރޖީ ޑްރިންކް ހިއްޕެވުން ހުއްޓަވައިލެއްވިކަން އިއުލާނު ކުރައްވަވައިފައެވެ. ރައްޔިތުންނަށް ކުރެއްވި އިލްތިމާސްތަކުގެ ތެރޭގައި ފަރުދީ ޒިންމާ ނެގުމަށް ގޮވައިލެއްވުން ހިމެނެއެވެ. އެނަރޖީ ޑްރިންކް ބުއިމުން ޖެހޭ ބައްޔެއް ޖެހި ލިބޭ ގެއްލުން ލިބޭނީ ބުއި މީހަކަށެވެ. ނަމަވެސް ހޮޓާ/ކެފޭ ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިޢްމާލު ނުކުރަން ޖަހާފައިވާ ބޯޑުތަކުގެ ސަބަބުން ދުނަފަތުގެ އިސްތިޢްމާލް ނުކުރާ މީހުންނަށް ދަނީ ކެންސަރާއި ފުއްޕާމޭގެ ބަލިތައް ޖެހެމުންނެވެ.

ރާއްޖޭގެ މަގުތަކުގައި ހިނގައި އުޅުމުންވެސް މެއެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރަން އަންގާ ބޯޑު ޖަހާފައި ހުންނަ ތަންތަނަށް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ވަންނަނީ ދުމުން ސަލާމްތަވެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ވަދެ މޭޒެއްގައި އިށީނުމުން ކުރިމަތީގައި އިންނަ މީހާ ދުންތައް ފޮނުވާލަނީ ސީދާ މޫނަށެވެ. ސިގިރެޓް އިންނަނީ ފޮރުވައިގެންނެވެ. އެހެންކަމުން އޭނާ ސިގިރެޓްބޯކަމެއް ނުއެނގެއެވެ.

މިއެނގެނީ ކޮލުގައި ހުންނަ ދުންތައް މޫނަށް ފޮނުވައިލުމުންނެވެ. މިމައްސަލައިގައި ޤާނޫނުތަކާއި ޤަވާއިދުތައް ހަދައި ބޯޑުތައް ބަހައްޓާފައިވަނީ އެ ބޯޑުތަކަށް ވަރަށް އާދައާ ޚިލާފް ބާރުތަކެއް ދީފައެވެ. އެއީ ބޯޑުތައް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ބާރާއި އެފަދަ ކަމެއް ކޮށްފިނަަމ ޖުރުމަނާ ކުރުމުގެ ބާރެވެ! އެޗްޕީއޭ އިން މިބާރުތައް ބޯޑުތަކަށް ދީފައިވި ނަމަވެސް ބޯޑުތަކުގައި ދިރުން ނުހުންނާތީ އެކަން ނުކުރެވުމަކީ ބޯޑުތަކުގެ ނާޤާބިލުކަން ކަމަށް މިއަދު މިވަނީ ވެފައެވެ.

ހަމަ އެއާއެކު އެ ބޮޑު ސްރީލަންކާ އާއި އެ ބޮޑު އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މަގުމަތީގައި ދުންފަތުގެ އިސްތއުމާލުކުރުން ވަނީ ހުއްޓުވައިފައެވެ. ނަމަވެސް ރާއްޖޭގެ މި ކުދި ރަށްތަކުގައި ދުމުން ސަލާމަތްވެ 200 ފޫޓަށް ހިނގޭނީ މަދުފަހަރަކުއެވެ. މިފަދަ ސަބަބުތައް ހުރުމުން ފަރުދީ ޒިންމާ ނެގުމުގައި މިވަނީ ދަތިތައް ކުރިމަތިވެފައެވެ.

ހޮޓާ ކެފޭ ފަދަ ތަންތަނުގައި މިކަންކަން ހުރީ މިގޮތަށްކަން ނައިބް ރައީސްއަށް އެނގިވަޑައި ނުގަތުމަކީ އެކަށީގެންވާ ކަމެކެވެ. މި ބޯޑުތައް ނަގައިފިނަމަ އެތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާނެކަން އެނގޭނެއެވެ. ވީމާ ދުމުން ސަލާމަތް ވުމުގެ ފަރުދީ އުފުލަން ބޭނުން މީހުންނަށް އެތަންތަނަށް ނުވަދެ އުޅެން ފަސޭހަވާނެއެވެ.

ޑިޔުޓީ އާއި ޓެކްސް މަތިމައްޗަށް ވެސް ބޮޑުކުރެވިދާނެއެވެ. މުޞްޙަފަކަށްވުރެ ބޯ ޤާނޫނުތަކެއް ވެސް ލިޔެވިދާނެއެވެ. ނަމަވެސް އެ ޤާނޫނުތައް ތަންފީޒުކުރުމުގެ ޒިންމާ ޕްލާސްޓިކް ބޯޑުތަކާއި ހަވާލުކުރުމުގެ ޘަޤާފަތް އޮތްހައި ދުވަހަކު އެއްވެސް ކަމެއް ޙައްލުކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.

މިއަދު އޮންލައިން