މީގެ 14 އަހަރު ކުރިން މުޅި ރާއްޖެ ސިއްސުވާލި ބިރުވެރި، އަދި އެހާމެ ހިތްދަތި ކާރިސާއާއިމެދު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ، އެދުވަހުގެ އެނާމާންކަމާއި ބިރުވެރިކަމުގެ ސަބަބުން، ދުނިޔެ ޤިޔާމަތް ވަނީ ކަމަށް އެއްބަޔަކަށް ހީވި ކަމަށެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރ. ދުވާފަރުގައި ކުރިއަށްދާ ޤައުމީ ޖަލްްސާގައި، ނުހަނު އަސަރާއެކު ވާހަކަފުޅު ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ، އެމަނިކުފާނަކީ އެދުވަހުގެ އެކާރިސާ ނުހަނު ގާތުން ދެކެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.
އެދުވަހުގެ ބިރުވެރިކަން ސިފަކުރައްވަމުން، ކީރިތި ކުރައްވާ ހާލު އެމަނިކުފާނު ވިދާޅުވީ އެދުވަހުގެ ފަތިހުގެ އަލިވިގެން ދިޔައީ ކަންބޮޑުވުމާއި ހާސްކަމާއެކު ކަމަށެވެ.
"ފަތިހު ހެލާ ތިބި ގިނަ ބަޔަކަށް ބިން ހެލުމުގެ އިހުސާސް ކުރެވުން. ވެގެން އުޅޭ ގޮތް މުޅިން ސާފު ނުވަނީސް ހެނދުނު 9:20 ހާއިރު ރާއްޖޭގެ ގިނަ ސަރަޙައްދެއްގެ ރަށްތަކުގައި ގުގުމައިގެން ދިޔައީ ބިރުވެރިކަމާއި ނާމާންކަން" ޝައިޚް އިމްރާން ވިދާޅުވިއެވެ.
ސުނާމީ ކާރިސާގެ ބިރުވެރިކަމަކީ އެގެ އަސަރުކުރި ރަށްތަކުގެ އަހުލުވެރިންނަށް ނޫނީ ނޭނގޭނެ ފަދަ ބިރުވެރި ކަމެއް ކަމަށް ވެސް ވިދާޅުވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ބިންހެލުމަށްފަހު ވާނުވާއެއް ނޭނގި އެހާސްކަމުގައި ތިއްބާ ކަނޑުގެ ބިޔަ ރާޅުތަށް ރަށު ތެރެއަށް ވައްދާލި ކަމަށެވެ.
"ކޮންމެ މީހަކު އެމީހެއްގެ ސަލާމަތާއިގެން ރައްކާތެރިކަމާއި ދިމާލަށް ދަތުރު ކުރެވެތޯ ބެލި. އަމިއްލަ ތުއްތު ދަރިފުޅު މަތިން ވެސް ބައެއް މައިން ހަނދާން ނުވި. ވަރަށް ގާތުން ކަންކަން ދެކުނު މީހެއްގެ ހައިސިއްޔަތުން ބުނެލަން، ބައެއް މައިންނަށް ތެޅިފޮޅެން ޖެހުމުން އެމީހުންގެ އެއް އަހަރުގެ ތުއްތު ދަރިފުޅު މަތިން ހަނދާން ވެގެން ދިޔައީ ރާޅުގެ ކަންތައް ނިމި، ބިންމަތީގައި ފައިޖެހުމުން" ނުހަނު ފުން އަސަރާއެކު ޝައިޚް އިމްރާން ވިދާޅުވިއެވެ.
އެވާހަކަތައް ހިއްސާ ކުރައްވަމުން ގެންދިޔަ ވަގުތުކޮޅު، ކުރި ފުން އަސަރެއްގެ ސަބަބުން ދެ ފަހަރެެއްގެ މަތިން އެމަނިކުފާނަށް ދައްކަވަމުން ދިޔަ ވާހަކަފުޅު މެދުކަނޑާލަން ޖެހުނެވެ. އިތުރަށް ވާހަަކަފުޅު ދެއްކެވިއިރު އަޑުފުޅު ހުރީ ތުރުތުރު އަޅައެވެ.
"ކޮންމެއަކަސް މަދު މިނެޓު ކޮލެއް ތެރޭގައި ކަނޑުގެ ލޮނުގަނޑު ހިނދި، މައިތިރިވެ އެންމެންގެ ފައިތައް ބިންމަތީގައި ޖެހުމުން، ކޮންމެ މީހެއް ވެސް އެމީހެއްގެ އާއިލާއާއި ދޭތެރޭ ވިސްނާ ފިކުރު ކުރަން ފެށި. އެވަގުތުގައި ގަޑިއިރު ދޮޅު ގަޑިއިރު ކުރިން ތިމާއާއެކު ހެނދުނު ސައިބޯން އެކުގައި އިން މަންމަ، ލޮނުގަނޑުގައި ދެމެމުން ދިޔަ މަންޒަރު ދުށް އެތައް ލޯތަކެއް ހުރި. އަމިއްލަ އަތުގައި އުރައިގެން ހުރި ކުޑަ ދަރިފުޅު އޮޔަގަނޑުގެ ބާރާއެކު ރާޅާއެކު ދެމެމުން ގޮސް އަބަދަށްޓަކައި ދަރިފުޅު ގެއްލުނު އެތައް މަންޒަރުތަކެއް ފެނުން" ކީރިތި ކުރައްވާ ހާލު ޝައިޚް އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން ހޯމް މިނިސްޓަރ ވިދާޅުވީ އެދުވަހުގެ ބިރުވެރިކަމާއި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބައެއް ފަރާތްތަކަށް 10-12 އަހަރު ނެގި ކަމަށެވެ. އަދި މިއަދާއި ހަމައަށް ވެސް ބައެއް މީހުންނަށް، އެލިބުނު ގެއްލުންތަކުން އަރައި ނުގަނެވި ތިބި ކަމަށް ވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.