ސުނާމީގެ ސަބަބުން، 30 އަހަރު ދުވަހު ބަދަހި ނުވާވަރަށް ސިޔާސީ ގުޅުން ބަދަހި ވެއްޖެ- ޝައިޚް އިމްރާން

ކިޔުމަށް ހޭދަވާނީ 1މ 9ސ
ސުނާމީގެ ސަބަބުން، 30 އަހަރު ދުވަހު ބަދަހި ނުވާވަރަށް ސިޔާސީ ގުޅުން ބަދަހި ވެއްޖެ- ޝައިޚް އިމްރާން

ސުނާމީ ކާރިސާގެ ސަބަބުން، ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖެ ސިޔާސީ ގޮތުން ގާތް ނުވާވަރަށް ނުވަތަ އެކުވެރި ނުވާވަރަށް، މިހާރު އެކުވެރި ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

 

"އެއްބައިވަންތަކަމުގެ ދުވަސް" ފާހަގަ ކުރަން ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ސަފުތައް މިހާރު ބަދަހި ގުޅުމަކާ ގާތްކަމުގެ ތެރެއަށް އައިސްފައިވާ ކަމަށާއި އިންސާނީ މުޖުތަމައެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަން އޮތުމަށް ޓަކައި ހުންނަން ޖެހޭ ހުރިހާ ސަބަބުތައް ރާއްޖޭގައި ދެމި އެބަ އޮތް ކަމަށެވެ.

 

"އެއްބައިވަންތަކަމުގައި ކޫރެއް ވެސް އެޅުނީ ސިޔާސީ ފިކުރުގެ ސަބަބުން. ހަމަ އެހެންމެ އެބައެއްގެ ތެރޭގައި އޮންނަ ސިޔާސީ ހަމަޖެހުމާއި މަސްލަހަތަކީ އެބައެއްގެ އެއްބައިވަންތަކަމާ އެކުވެރިކަން ހިފަހައްޓައިދޭނެ ކަމެއް" ޝައިޚް އިމްރާން ވިދާޅުވި އެވެ.

 

އެއްބައިވަންތަވުމަށް ބާރަކަށްވާ ގިނަ ސަބަބުތަކެއް ވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ. އެގޮތުން އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއްދީނަކަށް އުޅޭ އެއް ސަގާފަތެއްގެ ވެރި ބަޔަކަށް ވުން ފަދަ ސަބަބުތައް ބަޔާން ކުރެއްވި އެވެ. އޭގެއިތުރުން ވިދާޅުވީ ސިޔާސީ ހަމަޖެހުން ފިޔަވައި ދެން ހުރި ސަބަބުތައް ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތް މިންވަރަކަށް ރާއްޖޭގައި އެބަ އޮތް ކަމަށެވެ.

މިއަދު އޮންލައިން