ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި، އަލިފާނުގެ "ކަންޏެއްވެސް" ފެނިފައިނުވާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވިކަމުގެ ހާދިސާގައި ކުރީގެ ރައީސް ޔާމީން އަށާއި އެއިރުގެ ހޯމް މިނިސްތަރު އުމަރު ނަސީރަށް ތުހުމަތުތަކެއް ކުރައްވަމުން މުއާޒް ވިދާޅުވީ، ރައީސް ޔާމީން އެދުވަހު މާލެ ވަޑައިގެންނެވުމުން އާއްމުކޮށް އަމަލުކުރާ އުސޫލުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ދެންނެވި ނަމަވެސް، ރައީސް ޔާމީން އެކަން ބޭނުންފުޅު ނުވިކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަތީ ރަސްމީ ފާލަން ސަރަޙައްދުގައި ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ކަމަށާއި އެއީ އާއްމު އުސޫލާއި ޚިލާފަށް އާދަޔާ ޚިލާފު ގޮތަކަށް ހިންގި ކަމެއް ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
މީގެއިތުރުން މުއާޒް ވިދާޅުވީ، އެދުވަހު ރައީސް ޔާމީން ލޯންޗުކޮޅުގައި އިށީންދެ ވަޑައިގެންނެވީ އާއްމުކޮށް އިށީންދެ ވަޑައިގަންނަވާ ގޮނޑިކޮޅުގައި ނޫން ކަމަށެވެ. އަދި އާއްމުކޮށް އިށީންދެ ވަޑައިގަންނަވާ ގޮނޑިކޮޅުގައި އެދުވަހު އިށީންދެ ވަޑައިގެންނެވީ އެއިރުގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ކަން ވެސް މުއާޒް ފާހަގަ ކުރެއްވިއެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ކިޔައިދެއްވަމުން މުއާޒް ވިދާޅުވީ، އެއްޗެއް ގޮވުމުން ރައީސް ޔާމީން އިސްތަށިފުޅުގައި ހުރި ކުނޑިކޮޅެއް ފޮޅުއްވާލައިވާފައި ބޭރަށް ނިކުމެވަޑައިގެންނެވި ކަމަށާއި އެއިރު މެޑަމް ފާތުން އޮންނެވީ ވެއްޓި ވަޑައިން ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
އެދުވަހު ފުލުހަށް ވަޑައިގެން ބަޔާން ދެއްވިފަހުން، ރައީސް އޮފީހަށް ވަރަށް އަވަހަށް ހާޒިރުވުމަށް އުމަރު ނަސީރު ދެންނެވި ކަމަށާއި ރައީސް އޮފީހަށް ވަޑައިގެންނެވުމުން އުމަރު ސީޑީއެއް ދެއްވި ކަމަށް ވިދާޅުވަމުން މުއާޒް ވިދާޅުވީ، އެއިރު ނޫސްވެރިން ހާޒިރުކޮށް އެވީޑިއޯ ދެއްކުމަށް ތައްޔާރުވެސް ކޮށްފައިވާ ކަަމަށެވެ. ސީޑީގައިވާ ވީޑިއޯ ދެއްކުމަށްފަހު، ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށް ވެސް އެއިރުގެ ހޯމް މިނިސްޓަރ އެދި ވަޑައިގަތް ކަމަށް މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅު ގޮވިއުރ އަލިފާނުގެ އެއްވެސް ކަމެއް އެލޯންޗުކޮޅުން ނުފެންނަ ކަމަށާއި ފުލުހުންނަށް ބަޔާން ދެއްވީވެސް އެގޮތަށް ކަމަށެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި އެހާދިސާ ކިޔައިދެއްވުމަށްފަހު، މުއާޒް ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިން އަދި އެޕާޓީގެ ކައުންސިލުން އިސްތިއުފާ ދެއްވާ ކަމަށާއި މިވަގުތު ހުންނެވީ އެއްވެސް ސިޔާސީ ޕާޓީއަކު ނޫން ކަމަށެވެ.