ނަމާދަށް ހުއްޓާ ފޯން ރިންގވެއްޖެ ނަމަ އޮތީ އަވަހަށް ފޯނު ނަގައި ނިއްވާލުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނަމާދަށް ހުއްޓާ ފޯން ރިންގވެއްޖެ ނަމަ އޮތީ އަވަހަށް ފޯނު ނަގައި ނިއްވާލުމެވެ!

ނަމާދަށް މިސްކިތަށް އެރުމުގެ ކުރިން މޯބައިލް ފޯން ނިއްވައިލުމަކީ ނުވަތަ ރިންގ ނުވާނެ ގޮތަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެކަމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ހަނދާން ނެތިގެން ނިއްވާ ނުލެވި އޮއްވާ ނަމާދަށް ހުއްޓައި ރިންގވެއްޖެނަމަ އަވަހަށް ފޯނު ނަގައި ނިއްވައިލާށެވެ.

ޖީބުގައި އޮތް ނަމަވެސް މެއެވެ. ތަޅުމުގައި ބާއްވާފައި އޮތް ނަމަވެސް މެއެވެ. އެއީ ކުރެވޭ އިތުރު ޙަރަކާތެއް ކަމަށް ނުބަލާށެވެ. ސަބަބަކީ ފޯނު ރިންގވުމުން ޖަމާއަތުގައި ތިބި އެންމެންގެ ނަމާދަށް އުނދަގޫވާނެތީއެވެ. ޚުޝޫޢަތްތެރިކަމަށް ހުރަސް އެޅޭނެތީއެވެ. އެހާލަތުގައި އަމަލުކުރަންޖެހޭނީ އެންމެންގެ މަޞްލަހަތަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އެގޮތަކަށްވާނީ ފޯނު ނަގައި އަވަހަށް ނިއްވައިލުމެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިފަދައިން ވިދާޅުވެފައިވާއިރު ރޭ އިސްކނަދަރު މިސްކިތުގައި ކުރި ފަތިސް ނަމާދުގައިވެސް އެކެއްގެ ފޯނު 4 ފަހަރު ރިންގްވިއެވެ.

އެކަމުގެ ސަބަބުން އެންމެންގެ ނަމާދަށް އުނދަގޫވިއެވެ. މިއީ ހަމަ ކޮންމެ މިސްކިތެއްގައިހެން ކޮންމެ ނަމާދެއްގައިވެސް މިހާރު ހިނގަމުންދާ ކަމެކެވެ. ބައެއް މީހުން ފޯނު ބާއްވަނީ ޖީބުގައެވެ. ރިންގވާން ފެށުމުން ކަނޑާލައެވެ.

ކަނޑާލާއިރަށް އަނެއްކާ ވެސް ގުޅައެވެ. އެފަދަ ހާލަތުގައި މީހާއަށް އުޅެން ޖެހެނީ ފޯނުން ސަލާމަތް ނުވެވިގެންނެވެ. މިކަމާއި ގުޅިގެން އިމާމުން ނަމާދު ފެށުމުގެ ހަނދާންވެސް ކޮށްދެއެވެ.

ތިމާގެ ސަބަބުން އެތައް ބައެއްގެ ނަމާދަށް ގެއްލުން ދިނުމަކީ ކުރެވޭ ކިހައި ބޮޑު ފާފާއެއް ކަމާއިމެދު ވިސްނައި ބިރުވެތިވުން ކީއްތޯއެވެ! ނަމާދަށް އަރާ އެއްވެސް މީހަކީ އެހެން މީހުންގެ ނަމާދަށް ހުރަސްއަޅާ އިބިލީހުގެ އެޖެންޓަކަށް ވުމަކަށް ނުއެދޭނެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި މެދުވެރި އެވަނީ އެ ފަދަ ގޮތެކެވެ.

މިއަދު އޮންލައިން