ރައީސް ޔާމީންގެ ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ދީފި

ކިޔުމަށް ހޭދަވާނީ 1މ 25ސ
ރައީސް ޔާމީންގެ ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.

 

އައު ޕާޓީ އުފައްދަވަން އީސީއަށް ހުށަހެޅުއްވީ، އެޕާޓީ އުފެއްދުމަށް ކުރިން ވެސް ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަޙީމް އަބްދުﷲ އެވެ.  

 

މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި، ޕީއެންސީ އުފެއްދުމުގެ ހުއްދައާއި ހަވާލުވެފައިވަނީ ވެސް އަބްދުއްރަޙީމް އެވެ. އެހުއްދަ ދެއްވާފައިވަނީ އީސީގެ ރައީސް އަހުމަދު ޝަރީފް އެވެ.

 

އަބްދުއްރަޙީމް އަކީ ކުރިން ސިޔާސީ ޕާޓީއެއްގެ (ޕީޕީއެމްގެ) މެމްބަރެއްކަމުގައިވުމުން، އީސީން ވަނީ ޕީއެންސީ އުފެއްދުމަށް ހުށަހެޅި ހުށަހެޅުން ބާތިލު ކޮށްފައެވެ. އެހުށަހެޅުން ބާތިލު ކުރުމުން އަބްދުއްރަޙީމް ވަނީ ޕީޕީއެމްގެ ކައުންސިލުން އަދި ޕީޕީއެމް އިން ވެސް ވަކިވެ ވަޑައިގެންފައެވެ.

 

އަލަށް އުފައްދާ ސިޔާސީ ޕާޓީތަކުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހުއްދަ ދޭނީ 3000 މެމްބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. ޕާޓީ ރަސްމީކޮށް އުފެދިގެންދާނީ 3000 މީހުން ހަމަވުމުން އީސީން އެޕާޓީއެއްގެ ރެޖިސްޓްރޭޝަން ހަވާލުކުރުމުންނެވެ.  

 

އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރީގެ ރައީސް ޔާމީން ނިންމަވާފައިމިވަނީ ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ހަވާލު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާއި ގުޅިގެންނެވެ.

 

 

މިއަދު އޮންލައިން