ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގަ ރާއްޖެއިން ޗައިނާ އާއެކު މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވުމުން ޗައިނާއިން މަރުޙަބާ ކިޔައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގަ ރާއްޖެއިން ޗައިނާ އާއެކު މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވުމުން ޗައިނާއިން މަރުޙަބާ ކިޔައިފި

ޗައިނާއިން އިސްނަގައިގެން ދުނިޔޭގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުން ހޯދަން ކުރިއަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގަ ރާއްޖެ އިން ޗައިނާ އާއެކު މަސައްކަތް ކުރާނެ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވުމުން ޗައިނާއިން މަރުޙަބާ ކިޔައިފިއެވެ.

ޗައިނާގެ ފަރާތުން މިކަން ހާމަކުރެއްވީ ޗައިނާގެ ޚާރިޖިއްޔާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ތަރުޖަމާނު ހުއާ އެވެ. 

ޗައިނާގެ ނިޔުސް އެޖެންސީން ބުނެފައިވަނީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ތެރެއިން ރާއްޖެއިން ކުރިއަށް ގެންދަން ފަށާފައިވާ މަޝްރޫޢުތައް ރާއްޖެއިން ކުރިއަށް ގެންދާނެ ކަމަށް ޝާހިދު ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ކަމަށެވެ. 

ހުއާ ވިދާޅުވީ އެއާޕޯޓް ތަރައްޤީ ކުރުމާއި ބްރިޖް އެޅުމާއި ހައުސިންގ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ އަދި އިޤްޠިޞާދީ ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހިވެ 2 ޤައުމަށްވެސް ފައިދާތަކެއް ކޮށްފައިވާކަމަށެވެ.

ހުއާ ވިދާޅުވެފައިވަނީ އޮގަސްޓް މަހު ހުޅުވުނު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ހަމަ އެކަނި ދެ ރަށެއް ގުޅާލަދިން ބްރިޖެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ އިޤްޠިޞާދަށާއި އިޖުތިމާޢީ އެތައް މައްސަލަތަކެއްގެ ޙައްލު ކަމަށެވެ. 

ހުއާ ވިދާޅުވީ ރާއްޖޭގެ އައު ސަރުކާރާއިއެކު، ސަރުކާރުން ބޭނުންވާ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ދިނުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ކުރިއަށްވުރެ ގުޅުން ބަދަހިކޮށް އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަންވެސް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.

މިއަދު އޮންލައިން