ދުންދަނޑި ޖަހައިގެންނާއި ޖަމާއަތް ހަދައިގެން ޞަލަވާތްފުޅު ކިޔެވުމަކީ ސުންނަތުން ސާބިތު ކަމެއް ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު ނަޝީގެ ކެންޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދުންދަނޑި ޖަހައިގެން ޞަލަވާތްފުޅު ކިޔަވާ ފޮޓޯ އަކާއިއެކުގައެވެ.

ޑރ. އިޔާޟް ވިދާޅުވީ ކާބަފައިން ޒަމާނުންސުރެ ވަކި ގޮތަކަށް ކަމެއް ކުރަމުން އައިސްވުން އެއީ ޙުއްޖަތެއް ނޫން ކަމަށެވެ. "ރަނގަޅު ގޮތް އެނގުމުން އަޅުގަނޑުމެންގެ ބަހަކަށް ވާންވާނީ "އަޑުއަހައި ކިޔަމަން ގެންފީމުއެވެ." މިއެވެ. ކާބަފައިންނަށް އެއީ ރަނގަޅު ނޫން ކަމެއްކަން އެނގުނު ނަމަ އެގޮތަށް އެކަން ނުކުރީސްކަން ކަށަވަރެވެ."
ދުންދަނޑި ޖެހުމުގެ ޘަޤާފަތް ރާއްޖެއަށް އައިސްފައިވަނީ ހިންދޫ އަދި ބުދު ދީނުގެ ތެރެއިން ކަމަށް ބެލެވެއެވެ. ދުންދަނޑި އުފައްދަނީވެސް ގިނަ އަދަދަކަށް ގެރިގުއި ބޭނުންކޮށްގެންނެވެ.