ޑީއެންއޭ ކިޓްގެ ވާހަކަ - މެއަށް ޖެހި ހަންޖަރެއް!: ވަދީފާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޑީއެންއޭ ކިޓްގެ ވާހަކަ - މެއަށް ޖެހި ހަންޖަރެއް!: ވަދީފާ

އަހަރެންނަކީ ވެސް ކައިވެންޏެއްގައި ދިރިއުޅުނު އަންހެނަކީމެވެ. ކައިވެންޏަށް 10 އަހަރުވީއިރު އަހަރެންގެ 2 ދަރިން ތިއްބެވެ. ނަމަވެސް ހަގު ދަރިފުޅަކީ ފިރިމީހާގެ ދަރިއެއް ނޫނެވެ. އެއީ އަހަރެންނަށް ކުރެވުނު ވަރަށް ބޮޑު ކުށެކެވެ. އެ ކުށް އިންތިހާއަށް ބޮޑުވެގެންދަނީ އަހަރެންގެ މަންމަގެ ބޭހަށް މަންމަ ގޮވައިގެން ފިރިމީހާ އިންޑިއާއަށް ގޮސް އެ ބުރަ އުފުލަމުން ދަނިކޮށް އެ ކުށް އަހަރެންނަށް ކުރެވުނީތީއެވެ.

އަހަރެންނަށް ކުރެވުނު ކުށް ދިފާޢުކުރާކަށް ނެތީމެވެ. އެ ކުށް ކުރެވުނީ ހަމަ އަހަރެންގެ ގޯސްކަމުންނެވެ. ކުށް ކުރެވުމާއިއެކު އެކަމަށް ހިތާމަކުރަން ފެށީމެވެ. ނަމަވެސް އެވާހަކަ ފިރިމީހާ ގާތު ބުނާނެ ގޮތަކާއި ބުނީމަ ދެން ކަންތައް ވާނެ ގޮތަކާއިމެދު ވިސްނައި ވިސްނައިވެސް މަގެއް ނުފެނުމުން ބުނުން ލަސްވީއެވެ.

ހުރިހާ ކަމެއް މާތް ﷲ އާއި ވަކީލުކޮށް އެވާހަކަ އަހަރެން ފިރިމީހާ އާއި ހިއްޞާކުރީ ދޮށީދަރިފުޅުގެ އުމުރުން 7 އަހަރުގަ އަދި ހަގު ދަރިފުޅުގެ އުމުރުން 5 އަހަރުގައެވެ. ހިއްޞާ ކުރީ އެކަން ނުކޮށްފިނަމަ ފިރިމީހާގެ މުދަލުން އެ ދަރިފުޅަށް ލިބި ތަރިކައިގެ މައްސަލަތައް ކުރިމަތިވާނެތީއެވެ. އެވަރުގެ ފާފައެއް ބޮލުގައި އަޅަން ބޭނުން ނުވާތީއެވެ.

ފިރިމީހާއަށް އެކަމުގެ ވާހަކަ ކިޔައިދީ މާފަށް އެދުނީމެވެ. ފިރިމީހާ ވަރަށް ގިނަ ކަންކަމަށް މާފުކުރިއެވެ. މާފު އަދި ވެސް ނުކުރަނީ އަހަރެންނަށެވެ.  

އެވާހަކަތައް ކިޔައި ދިނުމުން ވެސް ދެވަނަ ދަރިފުޅުވެސް ދޫކޮށްލާކަށް ފިރި މީހާ ބޭނުމެއް ނުވިއެވެ. އޭނާ ބުނީ 5 އަހަރުވަންދެން އަމިއްލަ ދަރިއެއް ފަދައިން ގެންގުޅެފައި އެ ދަރިފުޅު އެއްލައިލަން ބޭނުން ނޫން ކަމަށެވެ. ބެލެނިވެރިއަކު ނެތި އެދަރިފުޅު މަގުމަތިވާން ވެސް ބޭނުން ނޫން ކަމަށެވެ. ނަމަވެސް އަހަރެންނާއިއެކު ދިރިއުޅެން ވެސް ބޭނުން ނޫން ކަމަށެވެ.

ފިރިމީހާގެ އެދުމަށް އެ ދަރިފުޅު ފިރިމީހާއަށް ހިބައިން ދިނުމުން އަހަރެން ދޫކޮށްލުމަށްފަހު 2 ދަރިން ގޮވައިގެން ގޮސް ފިރިމީހާ މިހާރު ދިރިއުޅެނީ އޭނާގެ މައިން ބަފައިންނާއިއެކު އޭނާގެ ރަށުގައެވެ. ރަށުގައި ކުޑަ ވިޔަފާރިއެއް ފަށައި އެކަށީގެންވާ އާމްދަނީއެއްވެސް ހޯދައެވެ. ޗުއްޓީ ލިބޭ ކޮންމެ ފަހަރަކު އަހަރެން އެރަށަށް ދަމެވެ. ދަރިންނާއިއެކު ވަގުތު ވެސް ހޭދަކުރަމެވެ. އެނބުރި އަންނަނީ ލޮލުން ކަރުނަ އަޅަމުންނެވެ. މިގޮތަށް ދިރިއުޅޭތާ މިހާރު 4 އަހަރުވެއްޖެއެވެ.

އަހަރެންނަށް ކުރެވުނު ކުށް އިޙްޞާޞްވި ހިސާބުން ފެށިގެން އަހަރެން ތައުބާ ވެއްޖައީމެވެ. ފިރިމީހާ ބޭނުންވި ގޮތަށް ހުރިހާ ކަމެއް ދޫކޮށްލީ ކުށްވެރިއަކީ އަހަރެން ކަމަށްވީތީއެވެ. ފިރިމީހާ އަދިވެސް އިތުރު ކައިވެންޏެއް ނުކުރެއެވެ. އަހަރެންވެސް ކައިވެންޏެއް ނުކުރަމެވެ. ކެނޑިނޭޅި ދުޢާ ކުރަމުން މިދަނީ ފިރިމީހާގެ ވިސްނުން ބަދަލުވެ އަހަރެންނަށް މާފުކުރޭތޯއެވެ! އެއީ ވުމަށް އިރާދައިގައި ހުރި ކަމެއްނަމަ އެކަން ވާނެއެވެ. ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. ނުވެސް ލާނަމެވެ!

އަހަރެންގެ ކުށް އަހަރެންނަށް އިޙްޞާޞް ކުރެވުނު ފަހުން މިހައި ގިނަ ހެޔޮ އަމަލުކުރާ ކަމަށްވެސް ބުނާކަށް ނެތީމެވެ. ﷲ އެކަން ދެނެވޮޑިގެނަވާނެއެވެ!

މިވާހަކަތައް މިއަދުނޫހާއި ހިއްޞާ މިކުރީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ މިފަދަ ކުށެއް ނުކުރުމަށް އެހެން އަންހެނުންނަށް ބުނެލުމެވެ. އެންމެ 2، 3 ރެއެއްގެ ވަގުތީ އުފަލުގެ ބަދަލުގައި އަހަރެންނަށް މިވަނީ މުޅި އުމުރުގައި ހިތާމަކުރަން ޖެހިފައެވެ. މުޅި ރާއްޖޭގައި އަތް ފުނާ އެޅި ނަމަވެސް އަހަރެންގެ ފިރިމީހާ ފަދަ ރަނގަޅު ފިރިއަކު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

އެ ބޮޑު ކުށް އަހަރެންނަށް ކުރެވުނީ މިވެނި މީހެއްގެ ސަބަބުން ނޫނީ މިވެނި ކަމެއް ވެގެން ކަމަށް ބުނެ އެއްވެސް ބަހަނާއެއް ދައްކާކަށް ނެތީމެވެ. ކުށްވެރިއަކީ ހަމަ އަހަރެންނެވެ. ރެއާއި ދުވާލު ކުރަންޖެހިފައި މިވަނީ އެކަމުގެ ހިތާމައެވެ. މި ހިތާމައިގައި ހުރި ވޭން އެނގޭނީ ހަމަ މިފަދަ ވޭނެއް އިޙްޞާޞް ކުރަން ޖެހުމުންނެވެ.

 

(މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި މައުލޫމާތަށް ލިޔެފައިވާ ލިޔުމެއް)

މިއަދު އޮންލައިން