ވެރިކަމުގެ 12 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ރައީސް ޞާލިހް ވައުދުވެވަޑައިގެން، އިމާރާތް ކުރުން ދިގުލައިގެން ގޮސްފައިވާ ފުލުހުންގެ ފްލެޓްތައް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 300 ފްލެޓް އިމާރާތް ކުރަމުންދަނި ތައިލެންޑްގެ ކުންފުނި، ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުންނެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް ވެސް ހަދަމުން ދަނީ ހަމަ އެ ކުންފުނިންކަން ފާހަގަކޮށްލަމެވެ.
ކުރީގެ ސަރުކާރުން 2 އަހަރު ތެރޭގައި ނިންމާނެ ކަމަށް ބުނި އެ ފްލެޓްތައް ނުނިމި ހަތަރު އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާއިރު، ފުލުހުންގެ ކަންބޮޑުވުން މިކަމުގައި ބޮޑެވެ.
މި ފްލެޓްތައް ލިބޭނެ މީހުން، 2013 ގައި ވަނީ ކަނޑައަޅައި ނިމިފައެވެ. އަދި ބައެއް މީހުން ވަނި ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާވެސް ދައްކާފައެވެ. އަދި، ކޮންމެ މަހަކު ފައިސާ ދައްކައި ފްލެޓުގެ އަގަށްވާ ބޮޑު ބައި ވެސް އޭގެތެރޭން ގިނަ މިހުން ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޒިދާން މުހައްމަދު