2019 ވަނަ އަހަރަކީ ރައްޔިތުންގެ އުންމީދުތައް ޙާޞިލު ކުރެވޭ އުފާފާގަތި އަހަރަކަށް ވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ޤާސިމް އިބްރާހީމް މިކަމަށް އެދިވަޑައިގެންފައިވަނީ މިއަދު މިފެށުނު މީލާދީ އައު އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ މިއަދުނޫހަށް ދެއްވި ބަޔާނުގައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ނިމިގެން މިދިއައީ ހުރިހާ ގޮތަކުންވެސް ރައްޔިތުންގެ އެއްބައިވަންތަކަން ދައްކައިދިން އަހަރެއް ކަމަށެވެ. އަދި ނިމިގެން މިދިއަ އަހަރަކީ ދިވެހިންގެ ދިވެހިވަންތަކަމާއި އިސްލާމްދީންވަންތަކަމާއި ދިވެހިންގެ ޤައުމިއްޔަތު ދިފާޢުކުރުމަށް ރައްޔިތުން ނުކުމެ ސާބިތުކަމާއިއެކު ކުރިމަތިލައި މަތިވެރި ޖިހާދުތަކެއް ކުރި އަހަރެއް ކަމަށެވެ.
"ނިމިގެން މިދިއަ އަހަރަށް ބަލާނަމަ އަހަރު ފެށިގެން އައީ ވަރަށް ހިތްދަތި ގޮތަކަށް. އަދުލު އިންޞާފުގެ ނިޒާމަށް ހުރަސްތައް ކުރިމަތިވެ ޤައުމުގައި ކުއްލި ޙާލަތު އިއުލާނުކޮށް ރައްޔިތުން ބަނދެވި ކަސްތޮޅު އެޅެމުން ދިއަތަން ފެނިގެން ދިއައީ.މިކަންކަމުގެ ސަބަބުން ޤައުމުގެ އިޤްޠިޞާދަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް މިދިއަ އަހަރު ވަނީ ލިބިފަ. ނަމަވެސް ރައްޔިތުން ނުކުމެ އެކަންކަމަށް ކުރިމަތިލައި ކުރި ޖިހާދުން ޤައުމު މިވަނީ އެހުރިހާ ކަންކަމުން ސަލާމަތްކޮށް މިނިވަންކޮށްދީފަ. މިކަންކަމަށްޓަކައި ރައްޔިތުންނަށް އަދާކުރަންޖެހޭ މަތިވެރި ޝުކުރު މިފުރުޞަތުގައިވެސް އަރިސްކުރަން. ﷲ އަށް ޙަމްދުކުރަން."
ޤާސިމް އިބްރާހީމް ވިދާޅުވީ އައު އަހަރާއިއެކު ރައްޔިތުން ކުރާ އުންމީދުތައް އިތުރުވާނެ ކަމަށެވެ. "އައު އަހަރު މިލައިގަތީ އައު ސަރުކާރުގެ އެންމެ ޅަފަތުގަ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ އެންމެ ދޮޅުމަހެއްހައި ދުވަހުގެ ތެރޭގަ. ވީމާ ރައްޔިތުން އެހައި މަތިވެރި ޤްރްބާނީއެއްވެގެން ގެނެސްފައިވާ ސަރުކާރާއިމެދު ރައްޔިތުން ކުރާ އުންމީދުތައްވެސް ވަރަށް ގިނަވާނެ."
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވެރިކަމަށްގެނައުމަށްޓަކައި ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދެއްކެވި އެކުވެރިކަމާއި ސާބިތުކަން އަދި އެއްބައިވަންތަކަން ދަމަހައްޓައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ކޯލިޝަނުގެ 4 ލީޑަރުން މިއަދުވެސް ބަދަހިކަމާއިއެކު ސާބިތުވެ ތިއްބެވި ކަމަށެވެ. "މިއަދުވެސް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ ވަރުގަދަ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ އޯގާތެރި ސަރުކާރަކަށްވުން. މިއަދުވެސް ރައްޔިތުންނަށް ދަންނަވަން އަޅުގަނޑު ބޭނުންވަނީ އަދި ޔަޤީންކަން ދޭން ބޭނުންވަނީ އަޅުގަނޑުމެން މިތިބީ އެއްބައެއްގެ ގޮތުގައޭ. ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުންގެ ވިންދާއި އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީގައި ހަމަ ޤައިމުވެސް ޤާސިމް ދެމިހުންނާނަން. ޤާނޫނީ އިމުގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނަގަހައްޓައި ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަބަދުވެސް ކުރަމުން ގެނަދާނެ ކަމުގެ ޔަޤީންކަން މިއަދުވެސް ރައްޔިތުންނަށް އަޅުގަނޑުއަރުވަން."
ޤާސިމް އިބްރާހީމް ވިދާޅުވީ ކޮރަޕްޝަނާއި ވައްކަން އިތުރުވެ ރައްޔިތުންގެ އެތައް ބިލިއަން ފައިސާތަކެއް ގެއްލިގެން ދިއުމުން އެކަމުގެ ދަތިކަން ރައްޔިތުންނަށް މިހާރުވެސް ވަނީ އިޙްޞާޞްކުރަން ޖެހިފައި ކަމަށެވެ. އަދި އެދަތިތަކުން ރައްޔިތުން އަރައިގަތުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. "އަޅުގަނޑުގެ އުންމީދަކީ އެކަމުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއިއެކު ލިބެމުންދިއުން."
"އަޅުގަނޑު އެދެނީ މިފެށޭ މީލާދީ އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް އުފާ ފާގަތި އަހަރެއްކަމުގައި މިންވަރު ކުރެއްވެވުމަށް. ރައްޔިތުންނަށް އިތުރު ތަނަވަސްކަން މިންވަރު ކުރެއްވެވުން. މި ފެށުނު އަހަރަކީ މުޅި ރާއްޖެއަށް ތިޔާގި އަހަރަކަށް ވުމަށް. މިފެށުނު އަހަރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް އިތުރު ކުރިއެރުން ލިބި އިތުރު ކާމިޔާބީތައް ޙާޞިލުކުރެވޭނެ އަހަރެއް ކަމުގައި މިންވަރު ކުރައްވަވާށި. އާމީން."