މިހާރުވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފިން – 2020 އަށް ދާއިރު ޖަލުތަކުގެ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ކުރިއަރުވާނަން: ހޯމް މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މިހާރުވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފިން – 2020 އަށް ދާއިރު ޖަލުތަކުގެ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ކުރިއަރުވާނަން: ހޯމް މިނިސްޓަރު

ޖަލުތަކުގެ ކަންކަން ރަނގަޅުކުރަން އަދި ބަލަހައްޓަން ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ހުރި ނަމަވެސް އަދި މިތިބީ ވަރަށް ފަހަތުގައި ކަމަށާއި ނަމަވެސް 2020 އަށްދާއިރު ޖަލުތަކުގެ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ކުރިއަރުވާނެ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.  

ކަރެކްޝަނަލް ސަރވިސަސްގެ ޚިދުމަތްތަކާއި ބެހޭ ގޮތުން ހޯމް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައިޚް އިމްރާން މިއަދު ވިދާޅުވީ ޤައިދީންނާއިމެދު ރާއްޖޭގެ ޖަލުތަކުގައި އަމަލުކުރަން ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތައްވެސް އެބަހުރި ކަމަށާއި އަދި އދ އިން ކަނޑައަޅާފައިވާ ވަރަށް ފުރިހަމަ މިންގަނޑުތަކެއްވެސް އެބަހުއްޓެވެ. އިރާދަ ކުރެއްވިއްޔާ 2020 އަށްދާއިރު އެ ޤަވާއިދުތަކާއި އަރައި ހަމަކުރައްވާނެ ކަމަށެވެ.   

ފާއިތުވި ދޮޅުމަހެއްހައި ދުވަސްތެރޭގައިވެސް ޤައިދީންނަށާއި ޢާއިލާތަކަށް އިތުރު ފަސޭހަތައް ހޯދައި ދިނުމަށް ވަރަށް ގިނަ ކަންތައްތަކެއް ބަދަލުކުރެވިފައިވާކަން ޝައިޚް އިމްރާން ވަނީ ފާހަގަކުރައްވައިފައެވެ.

"ޢާއިލީ ބައްދަލުވުންތައް 1 ގަޑި އިރުން 2 ގަޑިއިރަށް އިތުރުކޮށްފިން. ވަކީލުންނަށް ބައްދަލުކުރެވޭނެ ލުއި ފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްފިން. އެކަހެރި ބައްދަލުވުންތައް 12 ގަޑިއިރުން 24 ގަޑިއިރަށް އިތުރުކޮށްފިން. މީގެ އިތުރުން މައްސަލަ ނިމެންދެން ބަނަދުކުރާ މީހުންނަށް މީގެ ކުރިން އެކަހެރި ބައްދަލުވުންތަކެއް ނުދޭ. ނަމަވެސް އެގޮތަށް 4 މަހަށްވުރެ ދިގު މުއްދަތެއްގައި ހުންނަން ޖެހިއްޖެނަމަ އެކަހެރި ބައްދަލުވުންތައް ލިބޭނެ." 

ޝައިޚް އިމްރާން ވިދާޅުވީ ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ޙަޤީޤީ ޙާލަތު ދެނެގަތުމަށް ބަދަލުކުރަންޖެހޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކުރިއަށް އޮތް 2 މަހެއްހައި ދުވަސްތެރޭގައި ޖަލުތައް އެއް ވިޔުގައަކުން ގުޅައިލެވޭނެ ކަމަށާއި އެއިރުން މި މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. 

ޤައިދީން މިނިވަންވާއިރު އެމީހުންނަކީ މުޖުތަމައުއަށް ބޭނުންހިފޭނެ ބައަކަށް ހެދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

މިއަދު އޮންލައިން