އިމިގްރޭޝަންގެ ބެލުމުގެ ދަށުން ހައްޔަރުގައި ހުރި ޔަމަނު މީހާ އާއި ބެހޭ ސީރިއަސް މައްސަލަތަކެއް އެބަހުރި ކަމަށާއި އޭނާ ޢާއިބެހޭ މައުލޫމާތު އަދި ހާމަކުރުމުގައި އަމަން އަމާންކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިމްރާން ވިދާޅުވީ އޭނާ އާއިބެހޭ ގޮތުން ޢާންމުންނަށް އަދި ލިބިގެން އުޅެނީ އެންމެ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާ އާއިބެހޭ ޞައްޙަ މައުލޫމާތު ހާމަކުރަން ވިސްނަވަމުން ގެންދަވާ ކަމަށެވެ. "ޤައުމީ ސަލާމަތާއި ގުޅުންހުރި މިފަދަ ކަންކަމުގަ މައުލޫމާތު ހާމަކުރެވޭނެ މިންވަރަށް ވިސްނަމުން މިގެންދަނީ. އެމައްސަލައިގަ ހަމަ ޙަޤީޤަތުގައިވެސް ސީރިއަސް މައްސަލަތަކެއް އެބަހުރި."
ސަލްމާން ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާއި ގުޅައިގެން 2017 ވަނަ އަހަރު ހައްޔަރުކޮށް އިމިގްރޭޝަންގެ ރިމާންޑް ޖަލުގައި ބަނދުގައި ބަހައްޓާފައި ހުރި ޔަމަނު މީހާއަކީ ދިވެހި އަންހެނަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރަމުން ދިއަ މީހެކެވެ.