ގޭކުރިމައްޗަށް ނޫސްވެރިއެއްގެ ޑްރޯން ވެއްޓުމުން "އަހަރެން ގޮވައިގެން ހައްޖަށް ދެވޭނެ މިކަހަލަ އެއްޗެއް ލިބިދާނެތޯ" ސުވާލުކުރި މީހަކު ހައްޖަށް ގެންގޮސްދީފިއެވެ.
މިކަން ހިނގާފައިވަނީ ގާނާގައެވެ. ގާނާއަށް ގޮސް އުޅުނު ތުރުކީގެ ނޫސްވެރިއަކު މައުލޫމާތު ހޯދަން އުދުއްސި ޑްރޯނެއް ފަޤީރެއްގެ ގޭގެ ކުރިމައްޗަށް ވެއްޓުމުން ދުވެފައި ގޮސް އެ ނަގައި ބަލަހައްޓައިގެން ހުރީއެވެ. އުދުހިފައި އައިސް ވެއްޓުމުން އެއީ އުދުހެވޭ އެއްޗެއްކަން އޭނާއަށް އެނގުނެވެ.
ނޫސްވެރިޔާ ޑްރޯން ބަލައި އައުމުން ޑްރޯން ހަވާލުކުރުމަށްފަހު އޭނާ ކުރީ އެންމެ ސުވާލެކެވެ. އެއީ، "އޭނާ ގޮވައިގެން ހައްޖަށް ދެވޭނެ، މިއަށްވުރު ބޮޑު، އަހަރެން އުފުލޭނެ، މިކަހަލަ އެއްޗެއް ލިބިދާނެތޯ؟" އެވެ. ޖަވާބުގައި ނޫސްވެރިޔާ ހިނިތުންވެލާފައި ނެގީ އޭނާގެ ފޮޓޯއެކެވެ. އެއަށްފަހު އޭނާ އެދޭކަންތައް ލިޔެ ޓްވީޓްކޮށް ދުނިޔެއަށް ހާމަކުރިއެވެ.
މިކަން ގިނަ ބައަކަށްވީ ވަރަށް ހެއްވާ ކަމަކަށެވެ. ނަމަވެސް މާތްﷲ އެނިކަމެތި، އުމުރުން ދުވަސްވެފައިވާ މީހާގެ އެދުން ފުއްދަވައި ދެއްވެވިއެވެ. ބައެއް މީހުންގެ އެހީތެރިކަމާއި އަދި ގާނާގައި ހުންނަ ތުރުކީ އެމްބަސީގެ އެހީތެރިކަމާއިއެކު 2017 ވަނަ އަހަރު އޭނާއަށް ވަނީ ޙައްޖުވުމުގެ ފުރުޞަތު މިންވަރު ކުރައްވަވައިފައެވެ.
މާތްﷲގެ ކުޅަދުންވަންތަކްމުގެ ބޮޑުކަމެވެ. އޭނާގެ ގޭގެ ކުރިމައްޗަށް އެ ޑްރޯން ވެއްޓުން ވެގެން ދިއައީ އެތައް ގިނަ އަހަރުތަކެއް ވަންދެން ހައްޖަށް ދިއުމަށް އޭނާ ކުރަމުން އައި އުންމީދުތަކުގެ ނިމުމަށެވެ. ކަމެއް ހިންމަވައި ދެއްވަވަން މިންވަރު ކުރެއްވެވުމުން އެކަން ފުރިހަމަވެގެންދާނެ ގޮތް ޚިޔާލަށް ގެންނަންވެސް ނުއެނގޭނެއެވެ. އަހަރެމެންނަށް އޮތީ އިޚްލާޞްތެރި ކަމާއިއެކު ދުޢާކޮށް ވާގިއެދުމެވެ.