ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ކުރިއަރުވައި ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކުރަން ސަރުކާރުން އުފައްދާފައިވާ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ވަރުގަދަކުރަން ފެށުމުން ދިވެހިންގެ ތެރޭގައި ތިބި ރާއްޖޭގައި އިސްލާމް ދީން ކުރިއަރަން ނޭދޭ މީހުންނަށް ހަޖަމެއް ނުކުރެވުނެވެ.
އެފަދަ މީހުންނަށް އިއްޔެ ވެގެން ދިއައީ އެމީހުންގެ މެއަށް ހެރުނު ހަންޖަރަކަށެވެ. ޚުޠުބާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ގެނައި ބަދަލާއިއެކު ޝައިޚް ޢަލީ ޒައިދު އިއްޔެ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި ވިދާޅުވީ ހުކުރު ޚުޠުބާ ވެގެންދިއައީ އެމީހުންގެ ހިތްތަކަށް ދެވުނު ރޮކެޓް ހަމަލާޢަކަށެވެ.
އިއްޔެގެ ޚުޠުބާގައި ޝައިޚް ޢަލީ ޒައިދު ވަނީ މުޖުތަމައުގައި މިހާރު ހުރި ކަންބޮޑުވާންޖެހޭ ބައެއް މައްސަލަތައް ފާހަގަ ކުރައްވައި ވަރަށް މުހިންމު ޚުޠުބާއެއް ވިދާޅުވެފައެވެ.

ހަމަ އެއާއެކު ޝައިޚް އިލްޔާސް ރޭ ދެއްވި ދަރުސް ވެގެން ދިއައީ ޢާއިލާތައް ﷲ ތަޢާލާ އާއި ކައިރިވުމަށް މަސައްކަތްކުރަން ވަރަށް ބޮޑަށް ބާރު އެޅިގެންދިއަ ދަރުސަކަށެވެ.
އިސްލާމިކް މިނިސްޓްރީން ބާއްވާ ދަރުސްތައް އަޑުއަހަންދާ މީހުންގެ އަދަދު އިންތިހާއަށް މަދުވެފައިވަނިކޮށް އެތައް ސަތޭކަ ބައަކު ވަނީ ރޭގެ ދަރުސް އަޑުއަހަން ގޮސްފައެވެ.
މިއަދު ފެނިގެން މިދަނީ އިސްލާމިކް މިނިސްޓްރީން ފިތުނަ އުފައްދައި މީސްތަކުންގެ ހައްޤުތަކަށް އަރައިގަންނަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު މެސެޖުތައް ފަތުރަމުން ގެންދާ ކަމެވެ. އެކަން ކުރަނީ އިތުރު ބައެއް ނޫނެވެ. ހަމަ ކުރިންސުރެ އެފަދަ ކަންކަން ކުރަމުން އަންނަ އިސްލާމް ދީނުގެ ޢަދާވާތްތެރިންނެވެ.
އެމީހުންނަށް މިހައި ވަރުގެ އަސަރުތަކެއް މިކުރަން ފެށީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ރޭ ދެއްކެވި ވާހަކަފުޅުތަކުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއިމެދު ރައްޔިތުންގެ ހިތުގައި މިބާވަތުގެ ނޭދެވޭ އަސަރު އުފައްދުވައި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ހުރަސް އަޅަން މަސައްކަތް ކުރާ މީހުންނާއިމެދު ފިޔަވަޅު އަޅައި ހުއްޓުވުމަކީ ދައުލަތުގެ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކުގެ މައްޗަށް އޮތް ޒިންމާއެއްކަން ފާހަގަކުރެވެއެވެ.