ފުރިހަމަ ސާވޭއެއް ނިންމުމަށްފަހު، މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލާން އަލުން ހުޅުވާލަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލުގެ މެމްބަރު މުޙައްމަދު ފަޒީން މިއަދު ވިދާޅުވީ މާރުކޭޓުގެ ހުރިހާ ގޮޅިއެއްގެ މައުލޫމާތު ސާފުކޮށް، މަސައްކަތްކުރާ ގޮތް ބަލަމުން އަންނަ ކަމަށާއި އެއަށްފަހު އެކަން ސިޓީ ކައުންސިލުގެ ބައްދަލުވުމަށް ހުށަހަޅާނެ ކަމަށެވެ.
މީގެއިތުރުން ފަޒީން ވިދާޅުވީ، މާރުކޭޓޫގެ ބައެއް ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެންކަމުން އެތަންތަނުން މީރާއަށް ދައްކަން ޖެހޭ ފައިސާ ބަލައި ނުގަންނަ ކަމަށެވެ. ވިޔަފާރި ކުރަން ހުއްދަ ދިންކަމުގެ ލިޔުންތަކެއް އެހެންކަމުން ސިޓީކައުންސިލުން ވަނީ ގޮޅިތަކަށް ހަވާލު ކޮށްފައެވެ.
"ގިނަ ގޮޅިތައް ހުރީ މުއްދަތު ހަމަވެފައި. އެހެންކަމުން ދައުލަތަށް ފައިސާ ދެއްކުމަށް ހުސްކަމެއް ނާންނަ ގޮތަކަށް، ވަކި ގޮތެއް ނިންމަންދެން ވިޔަފާރި ކުރުމުގެ ހުއްދައެއް މިދެނީ" ސިޓީ ކައުންސިލުގެ މެމްބަރު މުޙައްމަދު ފަޒީން ވިދާޅުވިއެވެ.