ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ. އާރ. ޑަބްލިޔު. އާރ. އޭ. ބީ. ތޮރަޑެނިޔަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ނައިބު ފައިޞަލް ވަނީ ސްރީލަންކާގެ ސަފީރަށް މަރުޙަބާ ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައިފަވެއެވެ.
އަދި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމަށް ފައިދާހުރިގޮތަކަށް އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސްރީލަންކާގެ ސަފީރު ހާމަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ޚާއްޞަ ގޮތެއްގައި ކްރިކެޓް ކުރިއެރުވުމުގައި ސްރީ ލަންކާގެ އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަ ކުރައްވައިފައެވެ. މީގެ އިތުރުން ދެބޭފުޅުންވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމު ގުޅިގެން ހޯދޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފަވެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާގެ ސަފީރުވެސް ވަނީ އެކި ދާއިރާތަކުން އެއްޤައުމުން އަނެއް ޤައުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފަވެއެވެ.