މާލޭގެ މަގެއްގެ މަތީގައި ބާއްވާފައި އޮތް ޕެލެތެއްގައި ފައިތާށިވެ، އަންހެނެއްގެ ފައި ބިނދިއްޖެއެވެ.
އެނގިފައިވާ ގޮތުގައި، މއ. އަލިމަސްގޯޅީގައި އޮތް ޕެލެތަކަށް އެއަންހެން މީހާއަށް އެރުނީ މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައެވެ. އަދި ޕެލެޓަށް އެރި ވަގުތު ދެ ފަތި ދޭތެރޭގައި ފައި ތާށިވެ، އޭނާ ވެއްޓުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފައި ތާށިވެ އެއަންހެން މީހާ ވެއްޓުނު ވަގުތު އޭނާ ހުރީ، އުމުރުން ދެ އަހަަރުގެ ދަރިފުޅު އުރައިގެން ކަމަށް އެނގިފައިވެއެވެ. އަދި އޭނާ ވެއްޓުނު ވަގުތު އެކުއްޖާވެސް ވެއްޓި މަގުމަތީގައި ބޯ ޖެހުން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ. ނަމަވެސް އެކުއްޖާއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ރޭގެ ވަގުތެއްގައި ހިނގި މިހާދިސާގައި އެއަންހެން މީހާގެ ކަނނާއަތު ފައި ބިނދިފައިވާއިރު، އައިޖީއެމްއެޗް އިން މިހާރު ވަނީ އޭނާގެ ފައިގައި ޕްލާސްޓަރެއް އަޅާފައެވެ. އަދި މާދަމާގެ ވަގުތެއްގައި އެއަންހެން މީހާގެ ފައިގެ އޮޕަރެޝަނެއް ވެސް ކުރަން ހަމަޖެހިފައިވެއެވެ.
އާންމު ގޮތެއްގައި މާލޭ ގޭގޭގެ ދޮރުމަތީގައި ޕެލެޓު ބަހައްޓާފައި ހުންނަނީ، ޕާކް ކުރުމުގެ މައްސަލައަށް ހައްލެއްގެ ގޮތުގައެވެ. ޕެލެޓު ބަހައްޓާ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި، އެފަދައިން ޕެލެޓު ނުބަހައްޓާނަމަ، ގިނަ އަދަދެއްގެ އުޅަނދުތައް ގޭގެ ދޮރުމަތީގައި ޕާކުކުރެއެވެ. އެހެންކަމުން ވަދެ ނިކުމެ އުޅުމަށް ދަތިތަކަކާއި ކުރިމަތިވާ ކަމަށް ވެސް އެފަރާތްތަކުން ބުނެފައިވެއެވެ.