މިދިއަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ކުރީއަހަރަށްވުރެ ނިޞްބަތުން މަދުކަމަށާއި އެކަން އެގޮތަށް މެދުވެރިވި ސަބަބު ހޯދަން ޖެހޭ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިނެގެ ބައްދަލުވުމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިދިއަ އަހަރު ހުށަހެޅުނު ކުށުގެ މައްސަލަތަކުގެ އަދަދު ކުރީ އަހަރަށްވުރެ މަދު ކަމަށާއި މަދުވީ މިވެނި ސަބަބަކާއިހުރެ ކަމަށް ބުނެވޭނީ ދިރާސާ ކުރުމަށްފަހު ކަމަށެވެ.
ކުށް ކުރުން މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތުންކަން ނުވަތަ ފުލުހުންނަށް ހުށަހަޅާ މައްސަލަތައް މަދުވަނީ ފުލުހުންނަށް އިތުބާރު ނުކުރާތީ ރައްޔިތުން މައްސަލަތައް ފުލުހުންނަށް ހުށަހަޅަން ބޭނުން ނުވުމުން ކަމަށްވެސް ވެދާނެ ކަމަށެވެ.
ހަމައެފަދައިން ފުލުހުންނަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ކުށް ކުރުން މަދުވުމުގެ ފުރުޞަތު ވެސް އެބަ އޮތް ކަމަށާއި އެހެންކަމުން ކުށް ކުރުން މިދިއަ އަހަރު މަދުވީ ވަކި ސަބަބަކާއި ހުރެ ކަމަށް ވިދާޅުވަން އުނދަގޫ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.
ފުލުހުންގެ ސްޓްރެޖިކް ޕްލޭން އެކުލަވާލުމަށްޓަކައި ޢާންމުންގެ އިތުރުން ފުލުހުންގެ ޚިޔާލު ހޯދަމުން ގެންދާ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.