ނޮވެލްޓީ ޢަލީ ޙުސައިން އަވަހާރަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނޮވެލްޓީ ޢަލީ ޙުސައިން އަވަހާރަވެއްޖެ

ޗާޕްގެ ޚިދުމަތް ރާއްޖޭގައި ކުރިއަރުވައި ދެއްވި ނޮވެލްޓީ ޢަލީ ޙުސައިން (މ.ވާރޭވިލާ ޢަލީ ޙުސައިން) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

 

ޢާއިލާގެ ބޭފުޅަކު ވިދާޅުވީ ޢަލީ ޙުސައިން އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗުގައި ކަމަށެވެ. އަދި ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނެ ވަގުތެއް ޢާއިލާއިން އަދި ކަނޑަނުއަޅާ ކަމަށެވެ.

 

ޢަލީ ޙުސައިން އަކީ ރާއްޖޭގައި ޗާޕުކުރުމުގެ "ބައްޕަ" ކަމަށް ބެލެވޭއިރު ޢަލީ ޙުސައިނަކީ އާސާރީ ތަކެއްޗާއި ސްޓޭމްޕް ފަދަ ތަކެތިވެސް ގިނަ އަދަދަކަށް އެއްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ތާރީޚާއި ބެހޭ އެންމެ މުހިންމު ލިޔުންތައް އެއްކުރައްވައި ޝާއިޢުކުރައްވަމުން ވެސް ގެންދަވާފައިވާ ބޭފުޅެކެވެ.

 

މީގެއިތުރުން ދީނީ ފޮތްތައް މީސް މީހުންގެ އަތުން ހޯއްދަވައިގެންވެސް ވަނީ ޗާޕްކުރައްވައިފައެވެ. އަދި ދީނީ ފޮތްތަކާއި ދިވެހި ބަހުގެ ފޮތްތައް ވިއްކަވަމުން ގެންދެވީ ވަރަށް ހެޔޮ އަގުގައިކަންވެސް ފާހަގަކުރެވެއެވެ.

 

ޢަލީ ޙުސައިން އަކީ ދީލަތި ބޭފުޅެކެވެ. އެހީއަށް އެދި ކަންކަމުގައިދާ ގިނަ ބައަކަށް އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދެވި ބޭފުޅެކެވެ. އެހެންކަމުން ޢަލީ ޙުސައިން އަވަހާރަވުމުން ޤައުމަށް ގެއްލިގެން އެދިއައީ ވަރަށް ގިނަ ދާއިރާތަކުން ވަރަށް ޚިދުމަތްތެރި ބޭފުޅެއްގެ ޚިދުމަތްތަކެވެ.

 

ޢަލީ ޙުސައިން އަކީ ޢާންމުކޮށް ގެއިން ބޭރަށް ނުކުމެވަޑައިގެން އުޅުއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް މާލޭގައި ހިނގާ ހުރިހާ ކަމެއްގެ މައުލޫމާތު ބަރާބަރަށް ހޯދަވަމުން ގެންދެވި ބޭފުޅެކެވެ.

 

ރައީސް އިބްރާހީމް ނާޞިރުގެ ތާރީޚް ސަރުކާރުން ބޮޑުފޮށީގައި ތަޅުލާފައި ވަނިކޮށް ނެރެ ހާމަކޮށްދެއްވި ބޭފުޅަކީވެސް ޢަލީ ޙުސައިން އެވެ.

މާތްﷲ މަރްޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން.

 

މިއަދު އޮންލައިން