ރައީސް ޔާމީންގެ ޕީއެންސީ ރެޖިސްޓްރީ ކުރަން 4000 ފޯމު ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ރައީސް ޔާމީންގެ ޕީއެންސީ ރެޖިސްޓްރީ ކުރަން 4000 ފޯމު ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕާޓީ ރެޖިސްޓްރީ ކުރުމަށް 4000 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.  

ޕީއެންސީ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އީސީއަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ. ހުއްދައަށް އެދި ފޯމު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރ އަބްދުއްރަޙީމް އަބްދުﷲ އެވެ. ޕީއެންސީ އުފެއްދުމަށް ހުއްދަ ދީފައިވަނީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.  

އެޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާއިއެކު 24 ގަޑިއިރު ނުވަނީސް 3000 މީހުން ހަމަވެފައިވާ ކަމަށް އަބްދުއްރަޙީމް ވަނީ އެދުވަހު ވިދާޅުވެފައެވެ. ނަމަވެސް އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމަށާއި އެއިރު 3000 މީހުން ހަމަނުވާ ކަމަށް ބައެއް ފަރާތްތަކުން އެއިރު ދިޔައީ ބުނަމުންނެވެ. 

ޕީއެންސީ ރެޖިސްޓްރީ ކުރުމަށް 4000 މީހުންގެ ފޯމު އީސީ އަށް ހުށަހެޅުމަށް ވަޑައިގެންނެވީ އަބްދުއްރަޙީމް ގެ އިތުރުން ނިމިދިޔަ ސަރުކާރުގެ ބައެއް އިސްވެރިންނެވެ.  

ކުރީގެ ރައީސް ޔާމީން ވިދާޅުވި ގޮތުގައި އައު ޕާޓީއެއް އުފައްދަވަން ނިންމެވީ، ޕީޕީއެމްގެ ލީޑަރޝިޕް އާއިގުޅޭގޮތުން މައްސަލައެއް މިވަގުތު ސުޕްރީމް ކޯޓުގައި އޮތުމުންނެވެ. އެގޮތުން ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްވެރިންތަކެއް މިހާރުވެސް ވަނީ އެޕާޓީއެއް ވަކިވެ، ޕީއެންސީ އާއި ގުޅިފައެވެ. 

މިއަދު އޮންލައިން