މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާތީގައި ރައީސް އަކު ހުންނަކަން އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވާ ކަމަށް އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މީގެ އިރުކޮޅެއް ކުރިން ބައު ޖަމާލުއްދީން ސްކޫލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީ ޝަރީފް ވިދާޅުވީ އެމްޓީޑީގެ ރައީސް އަކީ ކުރީގެ ނައިބޫ ރައީސް އަހުމަދު އަދީބު ކަން ނުވަތަ އެހެން ބޭފުޅެއްކަން ވެސް، ރަސްމީ ސިފައެއްގައި އެކޮމިޝަނަށް އަދި އަންގާފައި ނުވާ ކަމަށެވެ.
އަދީބަކީ ޖިނާއީ ހުކުމެއް ތަންފިޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވީ ހިނދު، ސީޔާސީ ޕާޓީއެއްގެ ރައީސްކަމަށް ނުވަތަ އެނޫން ވެސް އިސްމަގާމަކަށް އާދެވޭނެތޯ ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ ރަސްމީ ގޮތުން އެކަން އީސީއަށް އެންގުމުން އެކަމާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
"ހަގީގަތަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ޕާޓީއަކުން އަމަލު ކުރާ ކަމަށް ވަންޏާ އެކަމާއި ދެތެރޭގައި އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނަން. އާއްމު އުސޫލެއްގެ ތެރެއިން ހުކުމެއް ތަންފީޒުކުރާ ފަރާތަކަށް ޕާޓީގެ ލީޑަރޝިޕް ލެވެލްގައި ނުވަތަ ވެރިފަރާތެއްގެ ގޮތުގައި އައްޔަނު ނުކުރެވޭނެކަން ޤާނޫނުގައި ވަރަށް ސަރީޙަކޮށް ބުނެފައި އެބަވޭ." ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން އީސީގެ ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި އެޕާޓީގެ ފަރާތުން ވަކާލާތު ކުރާ ކުރުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އަމަލު ކުރާނެ ކަމެއް ނޫން ކަމުގައެވެ.
"ނަމަވެސް ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނަށް މިވެނި ފަރާތަކީ މިވެނި މަގާމަކަށް އިންތިހާބު ކޮށްފައިވާ ފަރާތެއްކަމަށް އަޅުގަނޑުމެންނަށް އަންގާ ހިސާބުން އަޅުގަނޑުމެން ފިޔަވަޅު އަޅާނީ" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވިއެވެ.