ލިޔުނީ: ޒިދާން މުހައްމަދު
ވޭތުވެ ދިޔަ ސަރުކާރުގައި، ހިނގާފައިވާ ކްރޮޕްޝަންގެ ކަންކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެކުލަވާލި ޕްރެސިޑެންޓަލް ކޮމިޝަން އޮން ކަރޮޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ފުރަތަމަ މައްސަލަ ބަލަން ފަށައިފިއެވެ.
އެގޮތުން، އެ ކޮމިޝަނުން ބަލަމުން ގެންދަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައެވެ. އެކޮމިޝަނުން ބުނީ އެމްއެމްޕީއާރްސީ މެދުވެރިވެގެން ހިންގިކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަ ބަލަމުން ދާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގެ ތަހްގީގަށް ބޭނުން ހިފޭނޭ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ، އެ ކޮމިޝަނަށް ހިއްސާކޮށްދިނުމަށް އެކޮމިޝަނުން އެދެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލައަކީ، މި މައްސަލަ ބަލައި މިކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެއުމަށް އެތައް ބަޔަކު ސަރުކާރަށް ގޮވާލާފައިވާ ބޮޑު މައްސަލައެކެވެ.
އެމްއެމްޕީއާރުސީގެ މި ހިޔާނާތަކީ 1.2 ބިލިއަން ދިވެހި ރުފިޔާ ހިޔާނާތެކެވެ.