ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރެޖިސްޓްރީ ކުރަން ފޯމު ހުށަހަޅާފައިވަނީ ބައެއް ފަރާތްތަކަށް ނޭނގި އެމީހުންގެ ނަމާއި ތަފްސީލުތައް ހޯދައިގެން ކަމަށް ބުނެ، އެފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.
އީސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީޕީއެންސީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގައި ބައެއް ފަރާތްތަކުގެ ނަންތައް އެމީހުންނަށް ނޭނގި ހިމަނާފައިވާކަމުގެ ޝަކުވާތަކެއް އެކޮމިޝަނަށް ލިބިފައިވުމާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.
މީގެއިތުރުން ޝަރީފު ވިދާޅުވީ، ޕީއެންސީ ރެޖިސްޓްރީ ކުރުމަށް 4000 ފޯމު އިއްޔެ އެކޮމިޝަނަށް ހުށަހެޅުމުން ގިނަ ބަޔަކު އެކޮމިޝަނަށް ގުޅާ، އެމީހުންގެ ނަންތައް އެފޯމުތަކުގައި ހިމެނޭތޯ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ.
"މިއީ ކުރިން ލިބިފައިވާ ޝަކުވާއެއް ނޫން. އެހެންކަމުން އަޅުގަނޑުމެން ނިންމީ އެފޯމުތަކުގެ ސައްޙަކަން ބަލަން. އެހެންކަމުން އެފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދަނީ" އީސީ ޝަރީފު ވިދާޅުވިއެވެ.