ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުން ވަކި ގޮތަކަށް ކަމެއް ކުރަން ބަޔާންވެގެންވާނަމަ އެކަމެއް ބަދަލުކޮށް ތިމާއަށް ފެންނަ ގޮތަކަށް ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެއް ނޫން ކަމަށް އިމާމް ވިދާޅުވެއްޖެއެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އިމާމްވެ މިއަދުގެ ހުކުރު ނަމާދު ކުރައްވަމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ މިކަމުގެ ހެކި ކީރިތި ޤްރްއާނުން ދައްކަވައިފައެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އާ އެކަލާނގެ ރަސޫލާގެ ޙަޟްރަތުން ތިއަބައިމީހުންނަށް އެއްވެސް ކަމެއް އަތުވެއްޖެ ކަމަށް ވަނީނަމަ ތިއަބައިމީހުންގެ އަމިއްލަ ގޮތް އިސްކޮށް ނުހަދާށެވެ. ތިއަބައިމީހުން މާތް ﷲ އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ."
ޑރ. އިޔާޟް އަމިއްލަފުޅަށް ވިދާޅުވި މިއަދުގެ ޚުޠުބާ ޚާއްޞަ ކުރައްވާފައިވަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ލޯބިކުރުމުގެ މައްޗަށެވެ. އިމާމް ވިދާޅުވީ އެހެން ކޮންމެ ކަމަކަށްވުރެ ކައު އިތުރު ރަސޫލާ (ޞޢވ) ދެކެ ލޯބިވުން އިސްކުރަންޖެހޭ ކަމަށެވެ.
ކައު އިތުރު ރަސޫލާ (ޞޢވ) ދެކެ ލޯބިވުމަކީ އިތުރު އެކަލޭގެފާނުގެ ސުންނަތަށް ފުރިހަމައަށް ތަބަޢަވެ ސުންނަތަށް ޢަމަލުކުރުމެވެ. ހަދީޘްފުޅުތަކަށް ޢަމަލުކުރުމެވެ. އެކަން ބަޔާން ކުރައްވައި އިމާމް ވަނީ ސުންނަތަށް ފުރިހަމައަށް އަމަލުކުރަން އިލްތިމާސް ކުރައްވައިފައެވެ.
ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ކައު އިތުރު ރަސޫލާ (ޞޢވ) ގެ ސުންނަތަށް އަމަލުކުރަންޖެހޭނެއެވެ. އެމީހަކު ބޭނުންވާ ބައަށް އަމަލުކުރުމަށްފަހު އަނެއްބައި ދޫކޮށްލައިގެން ނުވާނެ އެވެ. އެ ގޮތަށް އަމަލުކުރުމަކީ ސުންނަތަށް ފުރިހަމައަށް އަމަލުކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ.