ޝައިޚް އިމްރާން ބައްލަވައިގަތް ކަމަށް ބުނާ 2 ފްލެޓް ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޝައިޚް އިމްރާން ބައްލަވައިގަތް ކަމަށް ބުނާ 2 ފްލެޓް ކޮބައިތޯ؟

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގެންނެވިފަހުން 2 ފްލެޓް ބައްލަވައިގަތް ކަމަށް ބުނެ ވަނީ ޚަބަރުތައް ފައތުރާފައި ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ފްލެޓްތައް ހުރިތަނެއް އެއްވެސް މީހަކު ބުނެދީފައެއް ނުވެއެވެ. އެހެންކަމުން ޝައިޚް އިމްރާން ބައްލަވައިގަތް ކަމަށް ބުނާ 2 ފްލެޓް ހުރިތަނަކާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

މިކަމާއި ގުޅިގެން ދީނީ ބައެއް ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ. އެއްވެސް މީހަކާއިމެދު ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރައި މީސްތަކުންގެ މެދުގައި ޝައްކު އުފެއްދުވުމަކީ ކުރެވޭ ބޮޑު ފާފައެއްކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އަދި އެފަދަ ކަންކަން ނުކުރުމަށްވެސް ގެންދަވަނީ ނަބޭޙަތްތެރިވެވަޑައިގަންނަވަމުންނެވެ.

މިކަމާއި ގުޅިގެން ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ "ދިވެހި ތާރީޚުގެ އެންމެ ބޮޑު ވައްކަން އެމީހަކާއި ގުޅި ލާމެހިފައިވާ ޔާމީން ކުރި ވައްކަމުގެ ބައިވެރިން، ސިޔާސީ މަޝްރަހުގައި ތިއްބެވި އެންމެ އިޚްލާޞްތެރިންގެ ޚިދުމަތް ފަނޑުކުރަން ކުރާ މަސައްކަތްތައް ކުށްވެރި ކުރައްވާ" ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ޝައިޚް އިމްރާން ޢަބދުﷲގެ އިސްތަށިފުޅުގައިވެސް ދޮގު ތުހުމަތުތައް އަޅުވައި، ކިހިނެއް ހޯދި ފްލެޓެއްހޭ ކިޔައި، ތަނެއް ދޮރެއް ބަލައިލުމެއް ނެތި" ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. "މީސް މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިލަނީ ފެންފޮދެއް ބޯލާހައި ފަސޭހަ ކަމާއިއެކުގައި" ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމަކީ ބިރުވެތިވާންޖެހޭނެ ކަމެއް ކަމަށެވެ.

ޝައިޚް އިމްރާންގެ ނަންފުޅުގައި ހުރީ ހަމަ އެންމެ ފްލެޓެކެވެ. އެ ފްލަޓަކީ އަނބިކަނބަލުންގެ ބައްޕާފުޅު ކުޑަ އިބްރާހީމް އޭނާގެ ކޮންމެ ދަރިއަކަށް ފްލެޓެއް ގަނެދިން އިރު ރީމްއަށް ގަނެދިން ފްލެޓެވެ. އެ ފްލެޓް ފިރިކަލުންގެ ނަމުގައި ރަޖިސްޓްރީ ކުރަން ރީމް ބޭނުންފުޅުވުމުން ޝައިޚް އިމްރާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވަނީ އެވެ.

މިކަން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން ބަލައި ކަށަވަރުކޮށް ޞައްޙަ މައުލޫމާތު ހާމަކޮށްދިނުމަށް ޝައިޚް އިމްރާންގެ ސަޕޯޓަރުން ދަނީ އެދެމުންނެވެ.

ރައްޔިތުންގެ ފައިސާއިން ފްލެޓާއިން ގޯތިތަކާއި ރޯހައުސްތައް ގަތް މީހުން ގަތް ތަންތަން ހުރީ ފެންނަން ކަމަށްވާއިރު ޝައިޚް އިމްރާން ބައްލަވައިގަތް ކަމަށް ބުނާ ފްލެޓްތައް ދެއްކިފައެއް ނުވެއެވެ. އަދި އެއީ ހިނގާފައިވާ މުޢާމަލާތެއްކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް އަދި މިހައިތަނަށްވެސް ދައްކާފައެއް ނުވެއެވެ.

 

މިއަދު އޮންލައިން