އިމްރާނުގެ އެއްވެސް ފްލެޓެއް ނުހުންނާނެ - ފޯމު ފުރިއިރު އޮޅުން އެރީ ފޯމު އޮތްގޮތުން: ރީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އިމްރާނުގެ އެއްވެސް ފްލެޓެއް ނުހުންނާނެ - ފޯމު ފުރިއިރު އޮޅުން އެރީ ފޯމު އޮތްގޮތުން: ރީމް

ފިރިކަލުން ޝައިޚް އިމްރާން ޢަބްދުﷲގެ އެއްވެސް ފްލެޓެއް އެއްވެސް ތަނެއްގައި ނުހުންނާނެ ކަމަށާއި ފޯމު ފުރިއިރު އޮޅުން އެރީ ފޯމު އޮތް ގޮތުން ކަމަށް ޝައިކް އިމްރާންގެ އަނބިކަނބަލުން ރީމް ވިދާޅުވެއްޖެއެވެ. 

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރީމް މިއަދު ވިދާޅުވީ އަމީން އެވްނިޔޫގައި ހުރި ފްލެޓަކީ ރީމްގެ ބައްޕަ ހުރިހާ ދަރިންނަށް ފްލެޓް ގަނެދެއްވިއިރު ރީމްއަށް ގަނެދެއްވި ފްލެޓް ކަމަށެވެ.

"ފޯމް ފުރަންޖެހުނީ އިމްރާން ވަރަށް ބަލިވެ އުޅުނު ދުވަހަކު. ވަރަށް އަވަސް އަރުވާލައިގެން އެކަން ކުރަން ޖެހުނީވެސް. ދެން އިމްރާނުގެ ބައާއި ޖެހިގެން އޮތީ އަޅުގަނޑުގެ ބައި. އަޅުގަނޑުގެ ބައާއި ޖެހިގެން އޮތީ އެސެޓުގެ ވާހަކަ. އެހެންވީ ހީވީ އެއީ އަޅުގަނޑުގެ އެސެޓުގެ ވާހަކަ ކަމަށް."  

ރީމް ވިދާޅުވީ ފްލެޓް ހުންނާނީވެސް ކުއްޔަށް ދެއްވާފައި ކަމަށާއި ކުއްޔަށް ލިބޭ ފައިސާ ވެސް ޝައިޚް އިމްރާން ބޭނުންފުޅު ނުކުރައްވާ ކަމަށެވެ. "ވިދާޅުވާނެ އެއީ ރީމްގެ ތަނެއް ނޫންހޭ. ލިބޭ ފައިސާވެސް ރީމް އަށޭ އަބަދުވެސް ވިދާޅުވާނީ. އިމްރާން ނޫޅުއްވާ އެ ފްލެޓް ބޭނުންވެ ލައްވައިގެނެއް. އަޅުގަނޑެއް ނުވެސް ވިސްނަން އިމްރާނަށް ފްލެޓް ދޭކަށްވެސް. ކޮންމެ ގޮތެއްވިއަސް އެއީ އަޅުގަނޑުގެ ތަނެއް. އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ގަނެ ދެއްވި ތަނެއް އެއީ. އަޅުގަނޑަށް ރަނގަޅީވެސް ޝައްކުކުރާ މީހުން ދޮގުވާހަކަތައް ފެތުރުމުގެ ބަދަލުގައި އެކަން ހިނގާފަ އޮތްގޮތް ބެލުން." 

ރީމްގެ ޢާއިލާގެ އިސް ބޭފުޅަކުވެސް މިއަދު ވަނީ އަމިން އެވްނިޔުގައި ހުރި އެ ފްލެޓަކީ ރީމްގެ ނަމުގައި ރީމްގެ ބައްޕަ ގަނެދެއްވި ފްލެޓެއްކަން މިއަދުނޫހަށް ކަށަވަރުކޮށްދެއްވައިފައެވެ. އަދި އެ ފްލެޓް ހުންނާނީވެސް ރީމުގެ ނަމުގައިކަންވެސް ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ. 

ޝައިޚް އިމްރާނުގެ މާލީ ބަޔާނުގައި އޮތް ގޮތުން އެ ފްލެޓް ޝައިޚް އިމްރާނަށް ބަދަލުވެފައި އެވަނީ އަނބިކަނބަލުން ރީމް، ޝައިޚް އިމްރާނަށް އެ ފްލެޓް ދެއްވުމުން ކަމަށް ޝައިޚް އިމްރާނުގެ އެންމެ ގާތް ބައެއް ބޭފުޅުންނަށް ވެސް ޤަބޫލުފުޅު ކުރެވުނެވެ. ނަމަވެސް އެއީ އަރާފައިވާ އޮޅުމެކެވެ. އެ ފްލެޓް ހުރީ ހަމަ ރީމްގެ ބައްޕަ ގަނެދެއްވި ގޮތަށް ރީމްގެ ނަމުގައެވެ.

މިއަދު އޮންލައިން