އެއްވެސް މީހަކަށް އޮޅުވާލައިގެން، ނުވަތަ ނޭނގި ޕާޓީއަށް ވައްދާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން، ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ޕީއެންސީ އަށް ފޯމު ފުރުއްވި ހުރިހާ ބެފުޅުން ވެސް ފޯމު ފުރުއްވީ އެޕާޓީއަށް ވަންނަން ބޭނުން ވެގެން ހިތުން ރުހުމުން ކަމަށާއި އެއްވެސް މީހަކަށް އޮޅުވާލާފައި ނުވާނެ ކަމަށެވެ.
"އެއްވެސް މީހެއްގެ ނުރުހުމުގައި ޕީއެންސީ އަށް ސޮއި ކުރުވާފައެއް ނުވާނެ. އަދި މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ވެސް ޕީއެންސީ އަށް ފޯމު ފުރުވާފައެއް ނުވާނެ" އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވިއިރު، ބަޔަކަށް ނޭނގި އޮޅުވާލައިގެން އެމީހުންގެ ނަންމަތީގައި ޕީއެންސީއަށް ފޯމު ފުރުވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކޮށްފައިވާ ކަމަށާއި އެހެންކަމުން އެޕާޓީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅި 4000 ފޯމު ވެރިފައި ކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.